ފުލުހުންނާއި ގއ. ދިގުރަށު ކައުންސިލާއި ގއ. އަތޮޅު ކައުންސިލް ގުޅިގެން “ލައިސަންސް ނަގައިފިން” ނަމުގައި ދިގުރަށުގައި ލައިސަންސް ނަގައިދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ދިގުރަށަކީ ގިނަ ޢަދަދެއްގެ އުޅަނދުތައް ބޭނުންކުރާ ރަށަކަށް ވީނަމަވެސް، ލައިސަންސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިނުވާ ރަށެއްކަމުން، ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ލައިސަންސް ނެގޭނެ އިންތިޒާމް ހަމަޖައްސާ ދިނުމަށް ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ތިއަރީ ޓެސްޓް ހެދުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުންވެސް ކުރިއަށް ދާނެ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ. އަދި މިޓެސްޓްތައް ހެދުމުގައި ހަރަކާތްތެރިވަނީ އަތޮޅު ކައުންސިލްގެ ބޭފުޅުންނެވެ.

ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމްގައި، އިއްޔެގެ ނިޔަލަށް 125 މީހަކު ބައިރިވެފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ ކުރިއަށް އޮތްތަނުގައި ގއ. އަތޮޅުގެ ބައެއް އެހެން ރަށްރަށުގައިވެސް މި ޕްރޮގްމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.