ހދ.ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދުއަށް ދަތުރުކުރަމުން ދަނިކޮށް މިއަދު ބަންޑުން ޖަހާލި ލޯންޗުން ދަތުރު ކުރި ތިން މީހަކަށް އަދިވެސް ހަނިމާދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް އެމަރުކަޒުން ބުނެފިއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ފަސް މީހުންގެ ތެރެއިން ދެ މީހަކު މިރޭ ވަނީ ދޫކޮށްލާފައެވެ. ދޫކޮށްލީ ލޯންޗުގެ ކެޕްޓަނާއި ފަޅުވެރިއެކެވެ. މިހާރު ސިއްހީ މަރުކަޒުގައި ފަރުވާ ފަރުވާ ދެމުން އަންނަނީ ނޮޅިވަރަންފަރު ވީނަސްގޭ އަބްދުއްޝުކޫރު، 57، އާއި އެ ރަށު ރެޑް ރޯސް އައިމިނަތު އާސިމާ، 29، އަދި ދ.ކުޑަހުވަދޫ ފޮގެޓްމީ ނޮޓް އައިޝަތު ޝެހެނާޒް، 29، އަށެވެ.
ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އަބްދުއްޝުކޫރުގެ އަންހެނުން ވަނީ ލޯންޗު ބަންޑުންޖަހާލި ހާދިސާގައި މަރުވެފައިއެވެ.
މިއަދު މެންދުރު ހިނގި ލޯންޗް ބަންޑުން ޖަހާލި ހާދިސާގައި ފަސް މީހަކު ވަނީ ނިޔާވެފައެވެ. އެއީ ކުޑަކުއްޖަކާއި، ފިރިހެނެއްގެ އިތުރުން ތިން އަންހެނުންނެވެ.
ނިޔާވި މީހުންގެ ޖަނާޒާ ހަނިމާދޫގައި ބާއްވަން އަންނަނީ ތައްޔާރީތައް ވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވި މީހުންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ މެންދަމު 01:30 ގައެވެ.
މިއަދު ހަނިމާދޫ ކައިރި އަށް ލޯންޗު ބަންޑުން ޖަހާލީ، ހަނިމާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގަ އެވެ. އާންމުގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން އެތަނުން ވަދެ ނޫޅޭ ކަމަށްވެ އެވެ. ނަމަވެސް މިއަދު ކަނޑިންމަ އަށް ވަންނަން ލޯންޗް ކެޕްޓަން މަސައްކަތް ކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.
މިޙާދިޘާގައި ނިޔާވި މީހުންގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން މާދަމާގެ ހުކުރުނަމާދަށް ފަހު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވަން ސަރުކާރުން ހަމަނުޖެއްސީ ކީއްވެބާ؟