ހިޖުރީ އާ އަހަރާއި ދިމާކޮށް 33 ވަނަ ގައުމީ ޤުރުއާން މުބާރާތް މިރޭ ފަށައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ޤުރުއާން މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ދަރިންނަށް ރައްޔިތުންގެ ހިތުގައި އޮންނަ ލޯބި އިތުރު ކުރުން ކަމަށާއި ރީތި ކޮށް ކިޔަވާ ދަރިން އުފެއްދުން ކަމަށެވެ.

"ޤުރުއާން އަޅުގަނޑުމެންގެ ދަރިންނަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ ލޯބި އިތުރު ކުރުން. އަދި ހަމަ އެއާއެކު މި ފަންނު ކުރިއަރުވައި ތަޖުވީދުގެ މަގުން، ރީތިކޮށް ކިޔަވާ ދަރިންތަކެއް އުފެއްދުން." ނައިބު ރައީސް ވިދާޅުވިއެވެ.

33 ވަނަ ގައުމީ ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

ނައިބު ރައީސް ވިދާޅުވީ ސައްތައިން ސައްތަ މުސްލިމް ގައުމެއް އޮވެފައި، ޤުރުއާނަށް އެހާ ލޯބި ކުރާ ބައެއްގެ ގޮތުގައި ތިބޭއިރު އަހަރަކު އެއްފަހަރު އަންނަ ރަމަޟާން މަހުގެ ތަރާވީސް ނަމާދަށް ވަރަށް ގިނަ އަދަދަކަށް ބޭރުގެ ހާފިޟުންނާއި ގާރީން ގެންނަން ޖެހޭ ކަމަށެވެ. އަދި މިކަމަކީ ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދިވެހިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ދިވެހި ރާއްޖޭގައި ރީތި ބަހުން ޤުރުއާން ކިޔަވަން ދަންނަ ރައްޔިތުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޞިލް އިބްރާހިމް ވިދާޅުވީ، މުބާރާތުގެ މައިގަނޑު އެއް މަގުސަދަކީ ރައްޔިތުންގެ ތެރޭގައި ގާރީންނާއި ޙާފިޟުން ތައްޔާރު ކުރުން ކަމަށެވެ.

33 ވަނަ ގައުމީ ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޞިލް އިބްރާހިމް ވާހަކަ ދައްކަވަނީ - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

މި މުބާރާތުގައި ފަނޑިޔާރުންނަށް ތިއްބަވަނީ ރާއްޖެ ފުންނާބު އުސް ފަނޑިޔާރުންނެވެ. އަލްޤާރީ މުހައްމަދު ތައުފީގް، އަލްޤާރީ އިބްރާހިމް ޝިފާއު، އަލްޤާރީ އަލްޙާފިޒް އިބްރާހިމް ރަމްޒީ، އަލްޤާރީ މޫސާ އަހްމަދު، އަލްޤާރީ މުހައްމަދު ވަހީދު އަލްޤާރިއާ ލަތީފާ އަހްމަދު އަދި އަލްޤާރިއާ ނާޝިދާ އަހްމަދުއެވެ.

މި މުބާރާތުގައި ޖުމްލަ 1273 ދަރިވަރުން ބައިވެރިވުމަށް ހަމަޖެހިފައި ވެއެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ތަނެއްގައެވެ. އެއީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގަޔާއި އިސްލާމީ މަރުކަޒުގައެވެ. މިއީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު އުފެއްދުމަށްފަހު، ބޭއްވޭ ފުރަތަމަ މުބާރާތެވެ.

33 ވަނަ ގައުމީ ޤުރުއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ހައްޔާން

ތިރީސް ތިންވަނަ ގައުމީ ގުރުއާން މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މި މުބާރާތަކީ ދިވެހި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢިމްރާން

  ކޮބާ ޝަހީމޫ ފެނޭތަ؟

 2. ބެލެނިވެރިޔާ

  ޤްރުއާން މުބާރާތްތަކަށް ކުދިންނެގުމުގައި ބާއްވާ އޮޑިޝަންތަކުގައި ވަރަށްބޮޑަށް ކޮރަޕްޝަން އެކުލެވޭ ކަމަށް ފާހަގަކުރެވޭ. މިމުބާރާތަށް ކުދިންނެގުމުގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބޭފުޅުން ވަރަށްބޮޑަށް ކޮރަޕްޝަން ހިންގާފައިވޭ. ޚާއްޞަކޮށް އެތަނުގެ ޤްރުއާންމުބާރާތްތަކާއި މަދަހަ މުބާރާތްތަކަށް ކުދިންނެގުމުގައި ތަފާތުކުރާކަށް ވަރަށްބޮޑަށް ފާހަގަކުރެވޭ. އެފަދަ ބޭފުޅުންނަށް ބުނެލަން ބޭނުންވަނީ މިއަދު ނުޙައްޤުން ބައެއް ދަރިވަރުންގެ ފުރުޞަތުތައް ޙައްޤުނޫން ދަރިވަރުންނަށް ދިންނަމަވެސް، މާދަމާ އެކަންކަމަށް ޖަވާބުދާރީނުވެ ކިހިނެއްތޯ ހަދާނީ؟ ހަމަޔަޤީނުންވެސް މާދަމާ އެކަމުގެ ޙައްޤުވެރިންނަށް ޙައްޤު މިންވަރު ލިބޭނެ.

 3. ޔާކިން

  *ސުކޫލް އަބަދުވެސް ކޮރޮޕްޝަން ވެފަ ކޮންމެ މުބާރާތެއްވެސް އެނޫން ދުވަހެއް އަންނާނެބާ!
  *މި މުބާރާތަށް މާލޭން ޓީމެއް އައިސް ކުދިން ނަގާނަމަ އެކަން ސާފުވާނެ!
  *އެގޮތަށް ކުދިން ނަގާގެން އިންސާފު ނުލިބުނު ހުރިހާފަރާތަކަށް ފަހުދުވަހުން ލިބޭނެ ކެއްތެރިވެ ކެއްކުރާށޭ ބުނެލަން ބޭނުމީ!
  * އަބަދު އެއްގޮތަށް ދުނިޔެ ނުހިގާނެ!

 4. ޢިމްރާނޫ

  ޝަހީމް މިމުބާރާތް ނުބާއްވާތީ ސަރުކާރަށް ފާޑުކީމަ ތި މުބާރާތް ބޭއްވީ. މީލާދީނީ ސަރުކާރެއް. ރައްޔިތުން ހަޅޭލެއްވީމައެއްނޫން މުބާރާތް ބާއްވަންޖެހޭނީ.