މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ގުޅޭ މަޢުލޫމާތު ދުރާލާ ސިޔާސީ ޕާޓީތަކާއި ހިއްޞާކުރާނެކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ވަގުތަށް" ވިދާޅުވީ، ސިޔާސީ ޕާޓީތައް މޮނިޓަރކޮށް ރެގިއުލޭޓް ކުރުމާ ގުޅޭގޮތުން ބާއްވާ ހާއްޞަ ބައްދަލުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވާތު އެރުވިފައިވާނެކަމަށާއި، މި ބައްދަލުވުމުގައި ކޮންމެ ސިޔާސީ ޕާޓީއަކުން އިސް ދެބޭފުޅުންނާއި، ޕާލިމަންޓަރީ ގްރޫޕްގެ ދެ މެންބަރުންނަށް ފުރުޞަތު އޮންނާނެކަމަށެވެ.

"ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަން ބާއްވާ ހާއްޞަ ބައްދަލުވުމަށް މާދަމާ ހެނދުނު 10:00 އަށް ހުރިހާ ސިޔާސީ ޕާޓީތަކަށް މިހާރު ވާނީ ދައުވަތު އެރުވިފައި. އެ މަޝްވަރާގެ އިތުރުން މާދަމާގެ ބައްދަލުވުމުގައި ރިޔާސީ އިންތިޚާބާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސިޔާސީ ޕާޓީތަކާއި ހިއްޞާކުރެވިގެންދާނެ." އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ، ސިޔާސީ ޕާޓީތަކަކީ ރިޔާސީ އިންތިޚާބުގެ އެންމެ މުހިއްމު ސްޓޭކްހޯލްޑަރުންނަށްވާތީވެ، އިލެކްޝަންސް ކޮމިޝަނުގެ މަޤްޞަދަކީ އިންތިޚާބާއި ގުޅުންހުރި ހުރިހާ މަޢުލޫމާތެއް ވީއެންމެ އަވަހަކަށް ދުރާލާ ސިޔާސީ ޕާޓީތަކާ ހިއްޞާކުރުން ކަމަށެވެ.

ފުރިހަމަ އިންތިޚާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި މީގެ ކުރިންވެސް ސިޔާސީ ޕާޓީތަކުގެ އެއްބާރުލުން ލިބިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ސިޔާސީ ޕާޓީތަކުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތަކުގެ ނުވަދިހަ އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައްވެސް މަހެއްހާ ދުވަސްތެރޭގައި ނިންމާލެވޭނެކަމަށް އިސީގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިގު މުއްދަތެއް ދިނުމަށްޓަކައި، މެއި މަހުގެ ތެރޭގައި އެ ލިސްޓު ޢާންމު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ޖޫން މަހުގެ ތެރޭގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށްވެސް ހުޅުވާލާނެކަމަށެވެ.

މެއި މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާއްމުކޮށް، ޖޫންމަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާއިރު، ލިސްޓު އާއްމު ކުރުމަށްފަހު، އިންތިޚާބު އޮބަޒާވް ކުރުމަށްޝައުގުވެރިވެލައްވާ ފަރާތްތަކާއި މޮނިޓަރ ކުރަން ޝައުޤުވެރިވެލައްވާ މީޑިއާތަކަށްވެސް އެ ފުރުޞަތު ހުޅުވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު އަދި ރައްޔިތުންނަށް ފަސޭހަ އިންތިޚާބެއްގެ ގޮތުގައި ބޭއްވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނަށް އެބައޮތްކަމަށް އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު