ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ވަކީލުންގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވެފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ޤާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެވޭނެ ކަން އަންގާފައިވާ ކަމަށް އެދެބޭފުޅުންގެ ވަކީލުން މިއަދު މީޑިއާގައި ވިދާޅުވެފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އަންނަންދެން، ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގައި ތަޙްޤީޤު ކުރާ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި ވަކީލުންނާއި ބައްދަލު ކުރުމަށް ދުވާލަކު 30 މިނެޓް އަށްވުރެ ދިގު ނުވާގޮތައް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މިގޮތައް 30 މިނެޓްގެ ފުރުސަތު ދެވޭނީ ކުށުގެ ތުހުމަތުގައިވާ ފަރާތުން އޭނާގެ ވަކީލާއި ބައްދަލު ކުރަން އެދިފައިވާނަމަ، ބަންދުގައިވާ ފަރާތްތަކަށް ތަޙްޤީޤަށް ސުވާލު ނުކުރާ ދުވަސްތަކުގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ބަންދުގައި ތިބި މީހުންނަށް ވަކީލުންގެ ފުރުސަތު ނުލިބޭ ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ފިޔަވައި އެހެން ބޭފުޅުންގެ ވަކީލުން ޝަކުވާއެއް ކުރެއްވި ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މިމަހުގެ ހަވަނަ ދުވަހު އެދެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުޢީ ޙުކުމްތައް ވަކި ގޮތަކަށް ކުރުމާއި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތްކުރުމާއި ދަޢުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާޢީ އަދުލުގެ ނިޒާމު ހިންގުމަށް ޤަސްދުގައި ހުރަސް އެޅުމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ހެޓިލަރ ބުނެފައި ވެއެވެ. " ނާކާމިޔާބު މީހުން ދޮގު އުފައްދާނެއެވެ. އެކަމަކު އެއީ އިންސާނުންގެ ޠަބީޢަތެވެ. އެކަމާ ކާމިޔާބުމީހުން ސިހުނަސް ޙިކުމަތްތެރިވީމާ ނަތީޖަ ރަގަޅުވާނެއެވެ." މިއީ ޔަހޫދިއެްޔެއްގެ ވާހަކަޔަކަށްވިޔަސް މިބަހުގެ ތެދުކަން ދަނީ ފެންނަމުންނެވެ.