ސަރުކާރުގެ ކުނި މެނޭޖްކުރާ ކުންފުނި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިހިނގާ އެޕްރީލް މަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކްތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ފަށާނެކަން ހާމަކޮށްފިއެވެ.

މިއަދު ހަވީރު ވެމްކޯގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވައި ވެމްކޯގެ އެކްޓިންގ މާކެޓިންގ މެނޭޖަރ އިސްމާއިލް އުބައިދު ވިދާޅުވީ، މާލޭގެ މަގުތަކަށް ކުނިއުކައި ހަޑިކުރުމަކީ މިހާރު ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް އެ ކުންފުނިން ކުނިކަހައި ސާފުކޮށް ބަލަހައްޓަމުން ގެންދާނެކަމަށެވެ.

މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި، މި މަސައްކަތް ރޭވިފައިވަނީ ދިވެހިން އިހުޒަމާނުންސުރެ ގޭގެ ސަރަހައްދު ސާފުކުރިގޮތް އަސްލަކަށް ބަލައިގެން، ބޮލޮކްތަކަށް ބަހާލައިގެން އެ މުވައްޒަފެއްގެ ގެ ހިމެނޭ ސަރަހައްދަކަށް އެ މުވައްޒަފަކު އައްޔަނުކޮށްގެން އަމިއްލަވަންތަކަން އިހްސާސްވާ ގޮތަށްކަމަށްވެސް އިސްމާއިލް އުބައިދު ވިދާޅުވިއެވެ. އެގޮތުން އެ މީހެއްގެ ގެ ހިމެނޭ ސަރަހައްދުން ކުނިކަހާ ސާފުކުރުމުގެ ވަޒީފާ ހަމަޖެހުމުން، އެއީ އެ ސަރަހައްދުތަކުގެ ސަފީރުންގެ ގޮތުގައިވެ އެ ސަރަހައްދުތަކަށް ކުނިއަޅާ ފަރާތްތައް ހޯދާ އެކަން ރިޕޯޓްކޮށް މާލެތެރެއާއި ވިލިމާލެ ސާފުޠާހިރު ތަނަކަށް ބަދަލުކުރެވިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށް ވެމްކޯއިން ބުނެފައިވާއިރު، އެކަމަށް ބޭނުންވާ 150 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ހޯދުމަށް ވެމްކޯއިން ވަނީ ހުޅުވާލާފައެވެ. އެގޮތުން މުވައްޒަފުން ހޯދުމަށް ބާއްވާ ވޯކިންގ އިންޓަވިއު މިހިނގާ އެޕްރީލް މަހުގެ 10 އަދި 11 ވަނަ ދުވަހު އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ ވޭސްޓް ޓަރާންސްފަރ ސްޓޭޝަނުގައި ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް ކުރިއަށްދާނެއެވެ.

ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރަންޖެހޭ، މަހަކު 7500-8500ރ ދެމެދުގެ ރަނގަޅު މުސާރައެއް ލިބޭ މި ވަޒީފާތަކަށް ޝައުގުވެރިވެލައްވާ ދިވެހިން، އައިޑީ ކާޑު ނުވަތަ ކާޑުގެ ކޮޕީ އަދި ޕޮލިސް ރިޕޯޓް ހިއްޕަވައިގެން ވޯކިންގ އިންޓަވިއު އަށް ވަޑައިގެންނެވުމަށް ވެމްކޯއިން އެދިލައްވައެވެ. މި ވަޒީފާތަކަށް ހޮވުމަށް ހަމަޖެހިފައިވަނީ ސާފު ކުށުގެ ރެކޯޑް އޮތް ޞިއްޙަތު ރަނގަޅު ދިވެހިންނެވެ.

ވެމްކޯއަކީ މުޅި ކުންފުނީގެ 81 އިންސައްތަ ދިވެހިން މަސައްކަތްކުރާ ކުންފުންޏަކަށްވާއިރު، މާލޭގެ ކުނި ނެގުމުގެ މަސައްކަތުގެ 78 އިންސައްތައަކީވެސް ދިވެހި މުވައްޒަފުންނެވެ. ހާއްޞަކޮށް ވިލިމާލޭގައި މަސައްކަތްކުރަނީ ސައްތައިން ސައްތަ ދިވެހި މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝަރީ

    ވެމްކޯއީން އެބަޖެހޭ މާލޭގެ ގެތަކުގެ ތެލީވެސް ދޮވެދޭން..އަދީ ގޭތެރޭގެ ކުނީކަހާލަދީ.. ބޮލުގަ ހުންނަ އުކުނު ހޮވާލަދީ ވަޅުހީއްކާލަދޭންވެސް.

  2. ހުސޭނުބޭ

    ވަރަށް މުހިއްމު މަސައްކަތެއް ތިއީ.

  3. ތާރީޚު ދިވެހި ރާއްޖެ.

    ބަލަ ޝަރީ!
    ތިޔަ ވިދާޅުވި ކަންތަކަށްވުރެ މާ ބޮޑަށްވެސް ޕާސަނަލް ޚިދުމަތް ވެމްކޯއިން ދަނީ ދެމުން ކަން އެނގި ވަޑައި ނުގަންނަވަނީތޯ؟ އެއީ ތިބޭފުޅާ ބޭނުން ކުރައްވާފައި އެއްލާލައްވަންޖެހޭ ކޮޓެކްސް ވެސް އެއްލލަ ދެނީ ވެމްކޯއިންނޭ!!!!!!!