ވެމްކޯ އާއި އާރްއާރްސީ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލަށް

މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުތަކަށްފަހު ވެމްކޯ އާއި ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އާރްއާރްސީ އިން ވަނީ 2021 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެކުރީން، ވެމްކޯ އިން މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވީނަމަވެސް ޗެމްޕިއަންކަން ހޯދިފައެއްނުވެއެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވެމްކޯ އިން ވަނީ 7-3 އިން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށްފައެވެ. ދެވަނަ ސެމީގައި ޓީމް އެފްއެސްއެމް އަތުން އާރްއާރްސީ މޮޅުވީ ވެސް 7-3 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުުގައި ރޭ ކުޅުނު ފުރަތަމަ ސެމީގައި ކުރީން ލީޑްނެގީ ބީއެމްއެލް އިންނެވެ. އެ ޓީމަށް މި ލަނޑުޖަހައިދިނީ އަހުމަދު ހުނައިފް އެވެ. އޭގެފަހުން، ވެމްކޯ އިން ވަނީ ފަހަތުންއަރައި ދެ ލަނޑުޖަހައިފައެވެ. އެ ޓީމަށް މި ދެ ލަނޑުޖަހައިދިނީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އާއި އިސްމާއިލް ވަޖީހު (ވައްޖެ) އެވެ.

ދެވަނަ ހާފުގައި ވެމްކޯ އިން އިތުރު ފަސް ލަނޑުޖެހިއިރު، އެ ޓީމުގެ އީރާން ކުޅުންތެރިޔާ، އަލީރެޒާ ޝެއިޚްލާރް ވަނީ ހަތަރު ގޯލް ޖަހައި، ހެޓްރިކް ފުރިހަމަކޮށްފައެވެ. އެ ޓީމުގެ އަނެއް ލަނޑުޖެހީ ވައްޖެ އެވެ. ފަހު ހާފުގައި ބީއެމްއެލް އިން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމް (ސައްޓު) އާއި ހައިޝަމް ރަޝީދު އެވެ.

ސެމީގެ ދެވަނަ މެޗުގައި އާރްއާރްސީ އިން ވަނީ އެފްއެސްއެމްއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި އާރްއާރްސީ އިން ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ ހުސެއިން ގައްސާން ލަބީބް (ހުސީ) ދެ ގޯލާއި، އަލީ ހާފިޒް (ހާއްޕެ)، އަބްދުﷲ ޔާމީން (ޔާނު)، އިބްރާހިމް ސިނާހު (ސިނާ) އާއި އަލީ ޝިފާއު (ރޮނާ) އަދި އަލީ ޝާމިސް (ތޮއްޕޭ) އެވެ. އެފްއެސްއެމްގެ ގޯލްތައް ޖަހައިދިނީ މުޙައްމަދު ޝާން، އަލީ އަލްސަން، އަބްދުﷲ ޒިޔާން (ޖަންކީ) އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އާރްއާރްސީގެ އިބްރާހިމް އަސްވަދު (ގަބޭ) އަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ވެމްކޯއާ އާރްއާރްސީ ބައްދަލުކުރާ މި ފަހަރުގެ މުބާރާތުގެ ފައިނަލް އޮންނާނީ މި މަހުގެ 25 ވާ ހުކުރު ދުވަހުގެ ރޭ އެވެ.