ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ އެއިޓީން ތާޓީ ކްލަސިކް މުބާރާތުގެ ފައިނަލްގައި ރޭ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ބަލިކުރުމަށްފަހު ވެމްކޯ އިން އެ މުބާރާތުގެ ފުރަތަމަ ޗެމްޕިއަންގެ ޝަރަފު ހޯދައިފިއެވެ.

ވެމްކޯ އިން މި މެޗު ކާމިޔާބުކުރީ 3-0 އިންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މި ދެ ޓީމު ބައްދަލުކުރި ދެވަނަ މެޗެވެ. ގްރޫޕް ސްޓޭޖުގައި ދެ ޓީމު ވާދަކުރި މެޗުން ވެމްކޯ މޮޅުވީ 3-1 އިންނެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ވެމްކޯ އިން ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި މެޗުގެ ފެށިތާ ހަތަރުވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ ކެޕްޓަން ސަފިއްޔާ ރަފާ އެވެ.

ފުރަތަމަ ހާފު ނިމެންދަނިކޮށް ވެމްކޯ އިން ވަނީ އިތުރު ދެ ލަނޑުޖަހައިފައެވެ. އެ ޓީމުގެ ދެވަނަ ލަނޑު، 18 ވަނަ މިނެޓުގައި ފާތިމަތު ލީސާ ކާމިޔާބުކުރިއިރު، މި ހާފުގެ ފަހު މިނެޓުގައި ތިންވަނަ ލަނޑުޖެހީ އާމިނަތު ފަޒްލާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ކެޕްޓަން ސަފިއްޔާ ރަފާ އެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ގާތްގަނޑަކަށް 43 ދުވަހަށް ދެމިގެންގޮސްފައިވާއިރު، އެއިޓީން ތާޓީ ކްލަސިކް މުބާރާތަކީ މިފަހަރު މުޅިން އަލަށް ތަޢާރަފްކުރި މުބާރާތެކެވެ.