ކްލަބް މޯލްޑިވްސްގެ 18/30 މުބާރާތުގެ ފައިނަލުގައި 3-1 އިން ޕޮލިސް ކްލަބް ބަލިކޮށް ފެނަކަ އިން އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ފެނަކަ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދެވަނަ ފަހަރެވެ. މީގެކުރީން، އެ ޓީމުން ވަނީ 2017 ވަނަ އަހަރުގެ މުބާރާތުގެ ތަށި އުފުލާލައިފައެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ފެނަކަ އިންނެވެ. ސޯޅަ ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހަ އިދިނީ މަރިޔަމް މިރުފަތުއެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ފެނަކަ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި މަރިޔަމް ނޫރާ ވަނީ ފެނަކަ އަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ. އޭގެ ތިން މިނެޓުފަހުން، ރާނިޔާ އިބްރާހިމް ވަނީ ޕޮލިހަށް ލަނޑެއްޖަހައިދީ ފަރަގު ކުޑަކޮށްފައެވެ.

މި މެޗުގައި ފެނަކަ އިން ޖެހި ތިންވަނަ ލަނޑު، 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފާތިމަތު އިނާޝާ އާދަމް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފެނަކަ އަށް ފުރަތަމަ ލަނޑުޖަހައިދިން މިރުފަތެވެ.

އެހެން އަހަރުތަކާ ހިލާފަށް މި ފަހަރުގެ މުބާރާތުގައި ވާދަކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ޓީމެވެ. އެއީ ތިން ޓީމެވެ. އެއީ، ފެނަކަ އާއި ޕޮލިހާއި ދިވެހި ސިފައިންގެ ކްލަބެވެ. މިއަހަރުގެ މުބާރާތަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމުން އެމްޕީއެލް ބައިވެރިވިނަމަވެސް، ގުރުއަތުލުން ބޭއްވިފަހުން އެ ޓީމު ވަނީ މުބާރާތުން ވަކިވެފައެވެ.