ބައިނަލްއަޤްވާމީގޮތުން ފާހަނގަކުރާ އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާއި ގުޅިގެން އަމީނިއްޔާ ސްކޫލްގައި ޚާއްސަ ޙަރާކަތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެގޮތުން މިައދު އެސްކޫލުގެ ފުރަތަމަ ދަންފަޅީގެ ކިޔެވުންފެށުމުގެ ކުރިންވަނީ އޯޓިޒަމްއާއި ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޚާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީގެ ޙަރަކާތްތައް ގެންގޮސްފައިވަނީ އުނގެނުމުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނެވެ. މީގެ އިތުރުން އެދުވަހާއި ގުޅިގެން ޔުނައިޓެޑް ނޭޝަންސް އިން ނެރުނު ޚާއްސަ މެސެޖްވެސް ހުރިހާ ދަރިވަރުންނާއި ވަނީ ޙިއްސާކުރެވިފައެވެ.

އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާއި ގުޅިގެން އަމީނިއްޔާ ސްކޫލްގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ވަގުތު ފޮޓޯ: އިބްރާޙިމް ޝާބިލް

އަދި ގުޑް ވިލް އެމްބެސެޑަރ ފޮރ ޗިލްޑްރަން ވިތް ޑިސްއެބިލިޓީ ވެސް ވަނީ މި އެސެމްބްލީ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވާފައެވެ. މީގެ އިތުރުން ދަރިވަރުންނަށް އިތުރު މަޢުލޫމާތު ފޯރުކޯށްދިނުމަށްޓަކައި މަޢުލޫމާތު ބޫތެއް ސްކޫލުގެ ގޯތިތެރޭގައި ޤާއިމްކުރެވި ދަރިވަރުން ހޭލުންތެރިކުރެވުނެވެ.

މެންދުރުފަހު ދަންފަޅީގައި މި ޙަރަކާތްތައް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައިވާއިރު ސްކޫލަށް މި ދަރިވަރުން ވައްދާފައިވަނީ ބޮޑުބެރުގެ ޚާއްސަ ޙަރަކާތްތަކާއި އެކުގައެވެ. މެންދުރުފަހުގެ ދަންފަޅީގެ ދަރިވަރުންނަށް ވެސް ޚާއްސަ އެސެމްބްލީއެއް ބޭއްވިގެން ދިޔައެވެ. މި އެސެމްބްލީގައި އެންމެ ބޮޑު އިސްކަމެއް ދެވުނީ އަމީނިއްޔާ ސްކޫލުގައި ކިޔަވާ ހުރިހާ ދަރިވަރުންގެވެސް ތަފާތުތަކަށް އިޙްތިރާމް ކޮށް ބަލައިގަތުމުގެ މައްޗަށެވެ. މި އެސެމްބްލީ ނިންމާލީ ހުރިހާދަރިވަރުން އެއްޙަރަކާތަކާއިއެކު ތަފާތުތަކަށް އިޙްތިރާމްކުރަމުންނެވެ.

މި ދުވަސް ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއްމަޤްސަދަކީ އަމީނިއްޔާ މިސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން އޯޓިޒަމް އަށް ޑައިގްނޯސްކުރެވިފައިތިބި ޢަދަދު ގިނަކަމުންނެވެ. މި ސެޕްކްޓްރަމް ގެތެރޭގައި ހިމެނޭ 63 ދަރިވަރު އަމީނިއްޔާ ސްކޫލުގައި ދަނީ މިއަހަރު ތަޢުލީމް ޙާސިލް ކުރަމުންނެވެ.

އޯޓިޒަމްއަށް ހޭލުންތެރިކުރުމުގެ ދުވަހާއި ގުޅިގެން އަމީނިއްޔާ ސްކޫލްގައި ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ވަގުތު ފޮޓޯ: އިބްރާޙިމް ޝާބިލް

މީގެ އިތުރުން އަމީނިއްޔާ ސްކޫލްގެ ގްރޭޑް 7 ގައި ކިޔަވަމުންދާ ދަރިވަރެއްގެ ކާމިޔާބީ ޙަޔާތުގެ ވާހަކަވަނީ މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހުމާން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޝިހާމް ރަސްމީކޮށް ނެރުއްވާފައެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ޖެންޑަރ މިނިސްޓަރ އާއި، މޯލްޑިވިއަން އައިޑޮލްގެ ހުރިހާ ބައިވެރިން، ސްކޫލުގެ އިސްމެނޭޖްމަންޓް ބޭފުޅުން، ޕީޓީއޭ، ޝަލަބީ ފަދަ ފަންނާނުން ބައިވެރިވެ ދަރިވަރުންނާއި އެކު އުފާވެރި ވަގުތުކޮޅެއް ވަނީ ހޭދަކޮށްފައެވެ.

މީގެ އިތުރުން އަމީނިއްޔާ ސްކޫލުގެ އިންކްލޫސިވް ސަޕޯޓް ޔުނިޓް ޑްރީމްގެ ފަރާތުން ޖަމާލުއްދީން ސްކޫލް، އަރަބިއްޔާ ސްކޫލް އަދި އިސްކަންދަރު ސްކޫލުގައި ވަނީ އޯޓިޒަމްއާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ.