މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އޯޓިޒަމަށް ހޭލުންތެރިކުރުމަށާއި އޯޓިޒަމަށް ހޭލުންތެރި ކުރުމުގެ މަސް ފާހަގަ ކުރަން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއޭސީއެލްއިން މިހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ގުޅިގެން އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) އުސޫލުގެ ދަށުންނެވެ. މި މަހަކީ އޯޓިޒަމްއަށް ހޭލުންތެރިކުރުވުމުގެ މަހަށްވުމުން އެމްއޭސީއެލްއިން ވަނީ އެއާޕޯޓްގެ ޓުއަރއަކާއި ފަންޑް ރެއިޒިންގ ޕްރޮގްރާމެއް ރާވާފައިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓުއަރގައި 14 ދަރިވަރުންނާއި 3 މުދައްރިސުން ބައިވެރިވެފައިވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. "އެއާޕޯޓް އިމަޖެންސީ ސާވިސަސް ސްޓޭޝަނަށް ޒިޔާރަތްކޮށް ދަރިވަރުންނަށް ފަޔާ ވެހިކަލްތަކާއި ފަޔަރ އެންޑް ރެސްކިއު ޓީމް އެކްސްޕްލޯކުރުމުގެ ފުރުޞަތު ލިބިގެންދިޔަ. އަދި ފަޔާ އެންޑް ރެސްކިއު ޔުނީފޯމް އަޅައިގެން އެއާޕޯޓްގެ ފަޔާ ވެހިކަލްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ދީފައިވޭ" އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މި ދަތުރު ނިންމާލާފައިވަނީ އެއާޕޯޓް ރެކްރިއޭޝަން ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތަކުންނެވެ. އެ ރަސްމިއްޔާތުގައި ދަރިވަރުންނަށް އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާތަކެއް ދީފައިވެއެވެ.

އެމްއޭސީއެލްއިން ބުނީ އެއާޕޯޓް ދަތުރުގެ އިތުރުން މި މަހުގެ ކުރީކޮޅު ފަންޑް ރެއިޒިން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ވަނީ އެއާޕޯޓް ފެސިލިޓީތަކުގައި މުދާ ވިއްކުމުގެ ފުރުސަތު ދީފައިކަމަށެވެ.

މި ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރަމުން އެމްއޭސީއެލް އިން ވަނީ ރާއްޖޭގައި އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމަށް ފައިސާ ހޯދައިދީފައިއެވެ.

އެމްއޭސީއެލްގެ ސީއެސްއާރު ޕްރޮގްރާމްތަކަކީ ރާއްޖޭގެ ނާޒުކު މުޖުތަމައުތަކަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކެކެވެ. އެހީތެރިކަމަށް ބޭނުންވާ މީހުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން ގެންދެއެވެ. އެމްއޭސީއެލް އިން އުންމީދު ކުރަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އޯޓިޒަމްއާ މެދު ހޭލުންތެރިކަން އިތުރުކޮށް، ތަފާތުކުރުންތައް ނެތް، އެއްބައިވަންތަ މުޖުތަމައެއް އުފެއްދުމަށް އެހީތެރިވެވޭނެ ކަމަށެވެ.