ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއް ފަށައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި ކޯސް ފަށާފައިވަނީ ޖުލައި 30 ގައެވެ. އަށް ހަފުތާއަށް ފަރުމާކޮށްފައިވާ މި ކޯސް ސެޕްޓެމްބަރު 21އާއި ހަމައަށް ކުރިއަށް ދާއިރު، މި ކޯހުގައި ޖުމްލަ ހަ ބައިވެރިއަކު ދަނީ ތަމްރީނު ވަމުންނެވެ.

މި ތަމްރީނުތައް ފޯރުކޮށްދެނީ ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި ގްލޯބަލް އޭ.ޓީ.އެސް/ ޔޫ.ކޭގެ ރިޗަޑް ތޯމަސް ސްމިތު އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ މުހައްމަދު އަތުހަރު އަދި އަހުމަދު ނަޒީރެވެ.

އެމްއޭސީއެލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިން ތެރެއިން - ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށްވުމާއެކު، މި ކޯހަކީ ވެސް ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތެކެވެ.

އެމްއޭސީއެލް އިން ވަނީ މި އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއްވެސް އިފްތިތާހުކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. އެއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

އެމްއޭސީއެލް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށި އޭޓީސީ ރާޑަރު ކޮންޓްރޯލް ޓްރެއިނިންގެ ބައިވެރިން - ފޮޓޯ: އެމްއޭސީއެލް

ވެލާނާ އެއާޕޯޓްގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލް އިން ހުޅުވީ 2021 ވަނަ އަހަރުއެވެ. މި ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެކެވެ.

އެމްއޭސީއެލްގެ ކަސްޓަމަރުންނާއި ސްޓޭކްހޯލްޑަރުންނަށް އެންމެ މަތީ ފަންތީގެ ތަމްރީނާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އިރު، ފުރަތަމަ ފަހަރަށް އޭޓީސީ ރާޑާ ކޮންޓްރޯލް ޓްރެއިނިން ދެވެން ފެށުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވައެވެ.