ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކުރެވިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންޓާންޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އެމްއޭސީއެލްއާއި ކެއާ ސޮސައިޓީ ގުޅިގެނެވެ. ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 އަށެވެ.

އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި ކެއާ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފައި ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެމްއޭސީއެލްއިން އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ހަފްލާ - ފޮޓޯ: އެމްއޭސީއެލް

މިއަދު އެއަޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމްއޭސީއެލްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ.

"މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން، މިކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެ." އަރީފް ވިދާޅުވިއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ކޮންމެ މަހަކު ހާއްސަ އެލަވަންސް ދެވިފައި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އަދި އެމްއޭސީއެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިން ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެމްއޭސީއެލްއިން އިންޓާންޝިޕް ޕްރޮގްރާމް ނިންމުމުގެ ހަފްލާ - ފޮޓޯ: އެމްއޭސީއެލް

އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ އިންޓާންގެ ބައިވެރިންނަށް ލިބިގެން ގޮސްފައި ކަމަށެވެ. މި ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއިއެކު، އެކުދިންނަށް ވަނީ މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ލިބިގެން ގޮސްފައި ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްގީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި ކަމަށް އެ ކުންފުނިން ބުނެއެވެ.