ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން މަޖިލިހުގެ އިދާރާގައި އެދިއްޖެއެވެ.

އެކަން ހާމަކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަލީ އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އޭނާ މިގޮތަށް ވިދާޅުވި ނަމަވެސް، އެ ހުށަހެޅުން ހުށަހެއްޅުއްވީ ކީއްވެގެން ކަން ހާމަކޮށްފައެއް ނުވެއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީން ހުށަހަޅާފައި ވަނީ، މަޖިލިހުގެ ގިނަ މެމްބަރުން ޗުއްޓީ އަށް ވަޑައިގެންފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލިސް މިދައުރަށް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މަޖިލިސް ޗުއްޓީއަށް ދިޔަކަމުގައި ވީނަމަވެސް ކޮންމެފަދަ ހާލަތެއްގައިވެސް މަޖިލިސްގެ ޖަލްސާއެއް ބާއްވަން ޖެހިދާނެކަމަށް ވިދާޅުވެފައެެވެ.

ނިރުބަވެރިކަމުގެ ގާނޫން އާއި ޖިނާއި އިޖުރާތުގެ ގާނޫނު ވީހާވެސް އަވަހަަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައެވެ.

"މިހާރު ރާއްޖޭގައި ތަހުޤީގު ކުރެވެމުންދާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށާއި ތަހްހީގުތައް ކުރިޔަށް ގެންދިޔުމަށް ބައެއް ގާނޫނުތައް ބަދަލު ގެންނަން ޖެހޭ" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް އެ ދުވަހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިމައްސަލައާއި ގުޅޭގޮތުން ބަހުސް ކުރުމަށް ބިލް ފޮނުވާނެ ކަމަށެވެ.

ރިޟްވާންގެ މަރުގެ ރިޕޯޓާއި ގުޅިގެން އެމަނިކުފާނު މިހެން ވިދާޅުވިއިރު، އެމްޑީޕީން ދައުރުން ބޭރުން ޖަލްސާއަށް ބާއްވަން އެދިފައިވަނީ އެ ދެ ގާނޫނަށް އިސްލާހު ގެނައުމަށް ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލީމާން ޒާހިރު

    އަންނި ހިންގާ ދައުލަތަކީ ގާނޫނުގައި ލިޔެވިފައިވާ ދައުލަތެއް ނޫން.. ޕާލެމެންޓް ތެރޭގައި ވަކި ދައުލަތެއް ހަދައި، ޖިނާއީ ތަހުޤީގު ހިންގުމާއި ޝަރީއަތް ކުރުން، ވަޒީފާދިނުމާއި، ވަކިކުރުން، ބޭރުގެ ދައުލަތަގު ވެރިންނާއި ބައްދަލު ކުރުމާއި، އަހުދުނާމާކުރުން، ދައުލަތް ހިންގުމުގެ ޕޮލިސީ ކަނޑައެޅުމާއި، ތަންފީޒުކުރުން، ޕޮލިސް ސާވިސް ގެ ކޮންޓްރޯލް ޕާރލަމެންޓަށް ނެގުން މި އީ 3ބާރު ވަކިވެފައިވާ ޤާނޫނީ ދައުލަތުން މުޅީން އެކަހެރިކޮށް.. ހިންގާ ވަކި ދައުލަތެއް.. މިތަނަށް "ައަންނި" ދީގެން އުޅޭ ނަމަކީ އަދިރި ދައުލަތް..