މާލޭގެ ވިޔަފާރި ބަނދަރުން މުދާހުސްކުރާ އަގު ސަރުކާރުން ކޮންޓްރޯލްކުރުމާއި އެކު ގަދަބާރު ދައްކައި، މުދާ ހުސްކުރާ އަގު ބޮޑުކުރި ފަރާތްތަކަށް ކުރީގެ އަގުތަކުގައި މުދާ ހުސްކުރަން މަޖުބޫރުވެއްޖެއެވެ.

މި ބަދަލާއެކު ހަވީރު 6:00 އާއި ރޭގަނޑު 12:00 އާއި ދެމެދު 20 ފޫޓުގެ ކޮންޓެއިނަރ އެއް ހުސްކޮށްދޭން ޖެހޭނީ ކުރީގެ އަގު ކަމުގައިވާ 2500ރ އަށްވުރެ ބޮޑުނުވާ ގޮތަކަށެވެ. އަދި 40 ފޫޓުގެ ކޮންޓެއިނަރ އެއް ހުސްކޮށްދޭން ޖެހޭނީ، 5000ރ އަށްވުރެ ބޮޑުނުވާނެ ގޮތަކަށެވެ.

ނަމަވެސް ރޭގަނޑު 12:00 އާއި ހެނދުނު 6:00 އާއި ދެމެދު މުދާ ހުސްކުރާނަމަ ކޮންޓެއިނަރ އަކުން 500ރ ބޮޑުކުރެވިދާނެއެވެ.

ސަރުކާރުން މުދާ ހުސްކުރުމުގެ އަގު ކޮންޓްރޯލްކޮށައި މިވަނީ، މާލޭ ތެރޭގައި ދުވާލު ގަޑިތަކުގައި މުދާ ނުއުފުލޭގޮތަށް ނިންމުމުން ބައެއް މަޖޫރީން މުދާ ހުސްކޮށްދޭ އަގު އެތައް ހާސް ރުފިޔާއަކުން ބޮޑުކޮށް، ބައެއް ވިޔަފާރިވެރިންގެ މުދަލުގެ އަގު ބޮޑުކުރާނެ ކަމަށް ބުނެ ސަރުކާރަށް އިންޒާރުދޭން ފަށާފައިވަނިކޮށެވެ.

އެގޮތުން ކުރިން 2500ރ އަށް ހުސްކޮށްދިން 20 ފޫޓުގެ ކޮންޓެއިނަރގެ އަގު 6000ރ އަށް ބޮޑުކުރިއިރު، 5000ރ އަށް ހުސްކޮށްދޭ 40 ފޫޓުގެ ކޮންޓެއިނަރގެ އަގު 12000ރ އަށް މަޖޫރިން ބޮޑުކުރިއެވެ.

މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވީ، މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމާއި، އަދި ދުވާލުގެ ވަގުތުތަކުގައި މާލޭގެ މަގުތައް ބޭނުންކުރާ ސްކޫލް ކުދިންނާއި، ބެލެނިވެރިން އަދި ޢާންމު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.

މި ބަދަލާއިއެކު މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާގޮތަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުން ގެންދާތީ، ޢާންމު ރައްޔިތުންނާއި ވިޔަފާރިކުރާ ފަރާތްތަކާއި ވިޔަފާރީގެ ޚިދުމަތް ދެއްވާ ފަރާތްތަކަށް ދެމެހެއްޓެނިވި ޙައްލެއް ހޯދައިދިނުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ، އެ މިނިސްޓްރީއަށް ލިބިފައިވާ އިޙްތިޔާރުގެ ދަށުން މާދަމައިން ފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޙިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރޭޓުތައް ކަނޑައަޅާފައެވެ.

މާދަމައިން ފެށިގެން މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޙިދުމަތުގެ އަގުތައް އެންމެ ބޮޑުވެގެން ނެގޭނެ ރޭޓުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާއިރު، އެ އަގުތަކަށްވުރެ ބޮޑުކޮށް ޚިދުމަތުގެ އަގުތައް ނެގުމަކީ މަނާކަމެއް ކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ކޮބާ.....! މާ ފުއްޕާލާފަ ތިމާމެން ވަރުގެ ބަޔަކު ނެތިގެން އުޅެނިކޮށް މަޖޫރީ ރީނދޫބައިގަނޑަށް ރާކަނިމަސް ކެވިއްޖެދޯ....!!!

  2. Anonymous

    ސާބަހޭ

  3. ސާބަސް

    ފާޑުފާޑު ކުރަންޏާ ބަންގާޅީންނަށް ހުޅުވާލާ. އޭރުން 20 ފޫޓް ކޮންޓެއިނަަރ 1000 އަށް ކުޑޭނެ.

  4. ނޫރު

    ހިޔާލް ތަފާތުވުމަކީ ރީނދޫ ބައިގަޑެނޫ

  5. ނަސީދު

    ކޮންއިރަކުންތައް މަޖިލިސ މުސާރަކުދަކުރަނީ މަސެއްކަތެއް ނުކުރާބަޔަކައް ދައުލަތުން މުސާރަދީގެންނުވާނެ

  6. އަކުރަމް

    ނިކަން ަރުކާރުން ތި އަގު ކޮންޓްރޯލް ކުރާހެން ގެދޮރު ކުއްޔަށް ދޭ އަގުތަށް ވެސް ކޮންޓްރޯލް ކޮށްލަބަލަ