އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގ ފެސިލިޓީ ގާއިމް ކުރުމަށް ގަތަރްގެ ކުންފުންޏެއް ކަމަށްވާ ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގ (ޔޫސީސީ)އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ އިހަވަންދިއްޕޮޅުގައި ޕްލޭން ކުރެވިފައިވާ ޕޯޓް ސިޓީ ޑިވަލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ގާއިމް ކުރާ ފެސިލިޓީއެކެވެ.

މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި އާބަކޮން ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ސަބްރީއެވެ. އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދެވެ.

ޔޫސީސީއަކީ ގަތަރްއަށް ނިސްބަތްވާ އިންޓަނޭޝަނަލް ކޮންސްޓްރަކްޝަންސް ހިދުމަތް ފޯރުކޮށްދޭ މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

އެސްޓީއޯއިން ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރުމަށް ރޭވިފައިވާ ޕޯޓް ސިޓީގެ އެންމެ މުހިއްމު އެއް ބަޔަކީ ތެލުގެ ގައުމީ ސްޓްރެޓެޖިކް ރިޒާވްއެއް ހެދުމާއި އިންޓަނޭޝަނަލް ބަންކަރިންގްގެ ހިދުމަތް ފެށުން ކަމަށެވެ.

މީގެ ތެރެއިން މިރޭ ވެވުނު އެއްބަސްވުމާއެކު އެސްޓީއޯއާއި އާބަކޮން ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ސްޓްޑީޒްތައް ހަދައި މިޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގ ފެސިލިޓީއެއް ގާއިމް ކުރުމަށް ގަތަރް ކުންފުންޏަކާއި ހަވާލު ކުރުން - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ރާއްޖޭގެ އިހަވަންދިއްޕޮޅު އަތޮޅު އޮންނަނީ އިންޑިއާ ކަނޑުގެ މާލީ މުއާމަލާތްތައް ހިނގާ ޝިޕިންގެ އިރުމައްޗަށް އަދި ހުޅަނގަށް ދަތުރުކުރާ މައި ލޭނުގައެވެ. އިހަވަންދިއްޕޮޅު ސަރަހައްދުން ކޮންމެ ދުވަހަކު ވެސް 300 އަށްވުރެ ގިނަ އާގުބޯޓު ދަތުރުކުރެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާކަން އެސްޓީއޯއިން ހާމަކޮށްފައި ވަނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.

އެސްޓީއޯއިން ވިދާޅުވީ ދުނިޔޭގެ ބަންކަރިންގް އިންޑަސްޓްރީއަކީ 150 ބިލިއަން ޑޮލަރުގެ ވިޔަފާރިއަކަށް ވާއިރު، މިސަރަހައްދުގައި ބަންކަންރިންގެ ހިދުމަތް ފަށައި އޭގެ ނަފާ މުޅި ގައުމަށާއި އެސްޓީއޯއަށް ހޯދައިދިނުމަކީ މިޕްރޮޖެކްޓުގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ.

މީގެ ސަބަބުން ރާއްޖޭގެ މެރިޓައިމް ސިނާއަތަށާއި، ގުޅުންހުރި ވިޔަފާރިތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއްލިބިގެން ދާނެ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ. މީގެތެރޭގައި ޝިޕިންގް އެޖެންސީ، ކްރޫ ޗޭންޖް، ޝިޕް ޗޭންޑްލިންގް، ޝިޕް ރިޕެއަރ އަދި ސްޕެއާ ޕާޓްސް ފޯރުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ބަންކަރިންގް ހިދުމަތް ފެށުމަށްޓަކައި ރެގިއުލޭޓަރީ ފްރޭމްވޯކް އެކުލަވާލުމަށްޓަކައި ބޭރުގެ ފަންނީ ކޮންސަލްޓަންސީ ހޯދައި ޑްރާފްޓް ރެގިއުލޭޝަންސްތައް ތައްޔާރު ކުރެވިފައިވާ ކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

މިޕްރޮޖެކްޓް ހިންގުމުގައި ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، ހޯދަންޖެހޭ އާލާތްތައް، އެމްއެންޑީއެފްގެ ލަފާގެ މަތިން ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިރާގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، މި އެއްބަސްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ސްޓްރެޖިކަލީ ލަނޑުތަކެއް ހާސިލް ކުރުމަށް މީގެ އެތައް ދުވަހެއް ކުރިން ފަށައިގެން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމަށެވެ.

"އަބަދުވެސް ވާހަކަ ދެކެވެމުން ދަނީ، އަޅުގަނޑުމެން ރާއްޖެ އޮތް ސަރަހައްދުގެ ފައިދާ ނެގުމުގެ ވާހަކަ، އާދެ އަޅުގަނޑުމެން ކުޑައިރުވެސް އިވޭ އަޑެއް، ޓްރާންޝިޕްމެންޓް ޕޯޓެއްގެ ވާހަކަ، 8 ޑިގްރީ ޗެނަލްގެ ވާހަކަ، ސަރުކާރުތަކުން މި ވާހަކަ ދައްކަމުން އައިސް، އެއްވެސް އަމަލީ ސިފައެއް މިހާތަނަށް ނުފެނޭ،".

ފައްޔާޒް ވިދާޅުވީ މި ސަރުކާރާއި ހަވާލުވެ އިގްތިސޯދު ސިންދަފާތުކޮށް މިހާރު ޓޫރިޒަމަށް ބަރޯސާވާ މިންވަރު ދަށްކޮށް އިގްތިސޯދު ޑައިވާސިޓީ ކުރުމަށް ބެލި ބެލުމުގައި އެކިއެކި ދިރާސާތަކުން ދައްކާފައި އޮތީ މި އިންވެސްޓެމެންޓް ކުރުމަކީ މާ ފީސަބަލް ކަމެއް ނޫން ކަމަށެވެ.

"އެހެން ނަަމަވެސް އެ ވާހަކަތަކަށް ބަރޯސާނުވެ މަސައްކަތް ކުރަމުން ގޮސް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޕްރޮޖެކްޓް ކުރިއަށްގެންދަން ސަރުކާރުގެ ކުންފުނިތަކާއެކު ވަނީ ޖޮއިންޓްވެންޗާ ކުންފުންޏެއް މިހާރު އުފެދިފައި"

އިހަވަންދިއްޕޮޅުގައި އައިހެވަންގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގާ ބައިނަލްއަޤުވާމީ ކަނޑުގެ ބަނދަރެއް ތަރައްގީ ކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޫސަ

    ތިޔަ ޕްރޮޖެކުޓު މިސަރުކާރަކުން (އެސްޓީއޯ) ކުރިޔަކަށް ނުގެންދެވޭނެ. ބަންކަރިންގެ ޚިދުަމަތް ދުނިޔޭގެ އެއްވަނަ ކުންފުނިން 2018 ވަނަ އަަހަރު ޖެނުއަރީ މަހު ސަރުކާރުގެ %20 ހިއްސާ އާ އެކު ދައުލަތަށާއި ރައްޔަތުންނަށް އެތަކެއް މަންފާއެއް ލިބޭގޮތަށް 5 ބިލިޔަން ޑޮލަރުގެ އިންވެސްޓް ޕްރޮޕޯސަލް އިކޮނޮމިކު ކައުންސިލުގައި އޮންނަތާ ފަސްއަހަރުފަހުން ބަންކަރިންގެ ޚިދުމަތް ދިނުމަށް ބަޔަކާ ހަވާކުރީ ބާކީ އޮތް ދެމަހުން ލިބެން އޮތް ފައިދާއެއްނަގާ ވެެރިކަމަށް އަންނަން އޮތް ބަޔަކަށް އިތުރު ތަކުލީފުފެއް ޖެއްސުމަށް

    14
    1
  2. ރާއްޖެތެރެ

    އިންޑިޔާގެ ސަބަބުން މިކަން ނުވީ އިންޑިޔާ އައުޓް

    17
  3. މުގުރާން

    ޖުއްބާއެއް ލައްވާފަ ރައްޔިތުންގެ ލޮލުގަ އަނދުންއަޅުވަނީ، ތިކަހަލަ ގުއިރޯނުގަ ނުޖެހޭނެ މިހާރަކު!!!