މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ތަމްރީނު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުން ތަމްރީނުކުރުމުގެ އިތުރު ޕްރޮގްރާމެއް ހިންގަން ތައްޔާރުވެއްޖެއެވެ.

މިއީ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑައިރެކްޓަރުން ތަމްރީނުކުރުމަށް ހިންގާ 11 ވަނަ ޕްރޮގްރާމެވެ. ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ވިދާޅުވީ މިތަމްރީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 8 – 10 އޯގަސްޓް 2023 އަށް އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކަމަށެވެ.

ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކަމަށް މި ޕްރޮގްރާމްގައި ބައިވެރި ވެވޭނެއެވެ.

-/1000 ރުފިޔާގެ ފީއެއް ދައްކައިގެން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ 30 މީހުންނަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކޮށް އޮންލައިންކޮށް ހުށަހެޅޭނެއެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 7923151 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ބުނެއެވެ.

ލޯކަލް ކައުންސިލް ގާނޫނުގެ ދަށުން ކައުންސިލްތަކަށް ވިޔަފާރީގެ އުސޫލުން ހިދުމަތްތައް ދިނުމަށް ކުންފުނި އުފެއްދޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ. ނަމަވެސް އަދި ކުންފުނިތައް އުފެދީ ވަރަށް މަދު ކައުންސިލަކުންނެވެ.