މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް މުހިންމު ދެ ބިލެއްގެ މަސައްކަތް އަވަސްކޮށްދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެދިލައްވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑަސްޓްރިއަލް ރިލޭޝަންސް އަދި އޮކިއުޕޭޝަނަލް ސޭފްޓީ ބިލްއަކީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔައްކުރުމަށް އަދި އިގްތިސޯދަށް ވަރައް މުހިއްމު ދެ ބިލް ކަމަށެވެ.

ގަރާރުތަކެކޭ އެއްފަދައިއިން އެ ދެ ބިލް އެޖެންޑާކޮށް ބަހުސްކޮށް ފާސްކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ފައްޔާޒު "ވަގުތަށް" ވިދާޅުވީ އެ ދެ ބިލް އަވަސްކޮށްދިނުމަށް އެދިވަޑައިގެންނެވީ ބިލްގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައި ވާތީ ނޫން ކަމަށެވެ.

މިހާރު މަޖިލިސްގެ ވަގުތުގައި ބިލްތަކަށް ބަހުސް ނުކުރެވި ކޮމިޓީތައް ބޭއްވޭތަން ނުފެންނާތީ ލަސްވާނެ ކަމަށް ގަބޫލް ކުރެވޭތީ އެ ދެ ބިލްގެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދުނީ." ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ޖުލައި 15 ގައި އަނެއްކާ މަޖިލިސް ރިސެސްއަށް ގޮސް ދެން ހުޅުވޭނީ ދެ މަސް ފަހުން ކަމަށެވެ. އެހެންކަމުން އެ ދެ ބިލަށް މުހިންމު ކަން ދިނުމަށް ގޮވާލެއްވީ ކަމަށެވެ.

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ އިބްތިދާއީ ބަހުސް މަޖިލީހުގައި ފެށީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގަ އެވެ. އެ ދުވަހަށް ފަހު އެ ބިލުގެ އިތުރު މަސައްކަތެއް މަޖިލީހުން ކޮށްފައެއް ނުވެ އެވެ.

އެ ބިލުގައި ވަނީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާ ދެމެދު އުފެދޭ ދެބަސްވުންތަކާއި މައްސަލަތައް މަޝްވަރާގެ އުސޫލުން ހައްލުކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރާނެ ގޮތްތައް ކަނޑައަޅާފަ އެވެ. އަދި މަސައްކަތްތެރިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ހާލަތުގައި އެފަދަ އަމަލުތަކަށް ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރެވޭނެ ނިޒާމެއް އެކަށައެޅުން ވެސް އެ ބިލުގައި ވެއެވެ.

އޮކިއުޕޭޝަނަލް ސޭފްޓީ ބިލް މަޖިލީހަށް ހުށަހެޅުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެ ބިލް މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

މަސައްކަތުގެ މާހައުލަކީ މަސައްކަތް ކުރާ ފަރާތްތަކާއި އެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއްކަން ކަށަވަރުކުުމަށް ބޭނުންވާ އަސާސީ އުސޫލުތައް ކަނޑައެޅުން އެ ބިލުގައި ވެއެވެ. އަދި މަސައްކަތު މާހައުލުން ލިބޭ އަނިޔާ އާއި ގެއްލުންތައް ރިޕޯޓުކޮށް، މައްސަލަ ބަލައި ފިޔަވަޅު އެޅޭނެ/ބަދަލުދެވޭނެ ނިޒާމެއް ގާއިމްކުރުން ވެސް ވެއެވެ.