ކޮންމެ ރައްޔިތެއްގެ ކޮންމެ ޙައްޤެއް ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭން މި ސަރުކާރުން އޮންނާނެ ކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މަހުއްމަދު ސާލިހު މިއަދު ދެއްވައިފިއެވެ.

ރައީސް އެ ޔަގީންކަން ދެއްވީ ޑިމޮކްރެސީ ދުވަހާއި ގުޅުވައިގެން ދެއްވި ހިތާބެއްގައެވެ.

ރައީސް ސާޅިހު ވިދާޅުވީ،ޑިމޮކްރެސީއަކީ ކޮންމެ ޤައުމަކަށް އަދި ކޮންމެ މުޖްތަމަޢަކަށްވެސް، އުޖާލާކަމާއި އުފާވެރިކަން ގެނެސްދޭނެ ހަމަތަކެއް ކަމަށެވެ.

އަދި އެއީ އެބައެއްގެ ޘަޤާފަތާއި، އެބައެއްގެ ޢަޤީދާއާ ފުށުނާރާ ގޮތަށް، އެ މުޖުތަމަޢަކަށް ފައްކާކުރެވޭ ހަމަތަކެއް ކަމަށާއި، މި އުޞޫލުން، ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާކޮށް ދެމެހެއްޓުމުގައި ސާބިތުކަންމަތީ ސަރުކާރު ދެމި އޮންނާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަހަރުގެ ޑިމޮކްރެސީ ދުވަހަށް އދ. މަޖިލީހުން ކަނޑައަޅާފައިވާ ޝިޢާރަކީ "ބައިވެރިވުން" އެވެ.

ރައީސް ވިދާޅުވީ، ޑިމޮކްރެސީއަކީ ރައްޔިތުން އެދޭ ގޮތަށް ޤައުމުގެ ކަންކަން ހިންގުން ކަމަށްވާއިރު، ރައްޔިތުން އެދޭ ގޮތްތައް ކަނޑައެޅިފައި ހުރީ، ރައްޔިތުންގެ މަންދޫބުން އެކަށައަޅާފައިވާ ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ކުރަހައިދޭ އިމުގެ ތެރޭގައި ކަމަށެވެ.

އެހެންކަމުން، ރައްޔިތުންގެ ވެރިކަމަކީ ޤާނޫނުގެ ވެރިކަމެއް ކަމަށާއި، ޤައުމުގެ ކޮންމެ ފަރުދަކުމެ އަދި ކޮންމެ މުއައްސަސާއެއްމެ، ޤާނޫނަށް ބޯލަނބައި ކިޔަމަންގަތުމުގެ މައްޗަށް ބިނާވެފައި އޮންނަ ވެރިކަމެއް ކަމަށް ރައީސް ސާލިހުގެ ހިތާބުގައި ވެއެވެ.

"އެކަމުގައި ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، ރައްޔިތުންގެ ކޮންމެ ފަރުދަކުމެ، އެއްވެސް އިސްތިސްނާއެއް ނެތި ޝާމިލުވެއެވެ". ރައީސްގެ ހިތާބުގައި ވެއެވެ.

ރައީސް ސާލިހުގެ އެ ހިތާބުގައި އިތުރަށް ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ޤައުމުގެ ކަންކަން ބަދަލުވެފައިވާއިރު، މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށެވެ.

"އޭގެ ތެރެއިންވެސް އެންމެ އިސްކަން ދޭންޖެހިފައިވަނީ، ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތް ކޮށްދިނުމަށެވެ. ޢަދުލުވެރިކަމާއި ހާމަކަމާއެކު، އިންޞާފުން ޝަރީޢަތް ކުރެވުމުގެ ޙައްޤު ނަގަހައްޓައިދިނުމަށެވެ. ވަޒީފާ އަދާކުރުމާއި އާމްދަނީ ހޯދުމުގެ ޙައްޤު ރައްކާތެރި ކޮށްދިނުމަށެވެ". އެ ހިތާބުގައި ވެއެވެ.

ރައީސް ސާލިހު ވިދާޅުވީ، މިއަހަރުގެ ޑިމޮކްރެސީ ދުވަހުގެ ޝިޢާރަކީ، ޤައުމުގެ ކަންކަން އިޞްލާޙު ކުރުމުގައި، ރައްޔިތުން ބައިވެރިވެ، އެމީހުން އެދޭ ގޮތް ހާމަކޮށް، ބަސް ބުނުމުގެ މުހިންމުކަން ހަނދާންކޮށްދީ، އެކަމަށް ބާރުއަޅާ ޝިޢާރެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. މަބޭ

    ތީހަމަ ސީދާ ދޮގެއް ސީދާ ދޮގެއް ސީދާ ދޮގެއް

    38
  2. ނަމަ

    އެކަމަކު އަދި ބުނާބަހަކާ އަމަލާ ދިމާވާތަނެން ނުފެނޭ

    36
  3. ހިތާމަހުރި

    "ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެ މި ސަރުކާރުން ޙިމާޔަތްކޮށްދީ، ރައްކާތެރިކޮށްދޭނެ"
    ޔަަަަައުނީ ދީންބަދަލު ކުރާމީހުންނާ އެއްޖިންސުން ކައިވެނިކުރާ މީހުން ރައްކާތެރިކޮށްދޭނެ
    ވާހަކަ ދޯ.

    46
    1
  4. ޕޮގުބާ

    އެހެންވެ ދޯ ރައީސް އޮފީސް ކުރިމަތީގަ އިންމީމީހަކު ހިފާހައްޔަރުކޮއް މިއަދުކުޑަގޮޅިއަށްލީ އެއީ އޭނަޔަށް ދޭންޖެހޭހައްގު.

    48
  5. ދިޔޯ

    ދެ އަނގަ ހުންނަ މީހުން ދައްކާ ވާހަކަ ގަބޫލް ކުރާނީ ކިހިނެއް

    39
  6. ޣީހުޓާވރ

    ކޮންމެ ރައްޔިތެއްގެ ޙައްޤުތައް ރައްކާތެރިކޮށް ދީ ޙައްޤުތައް ފުރިހަމައަށް އަދާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު ވާޖިބު ޤައުމު އަބަދުވެސް އެދެނީ އެފަދަ ރައީސަކަށް މަނިކުފާނު އެގޮތުގައި ދެމިހުންނަވާނެ ކަމަށް އުއްމީދުކުރަން

    39
  7. ކޮރަލް

    އެންމެ މުހިންމު ކަމަކީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، އިންސާނީ ޙައްޤުތަކާއި، އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމާއި ރައްކާތެރިކޮށްދިނުން ކަމަށެވެ. ގާނޫނު އަސާސީ އިން ދީނައް ފުރައްސާރަކުރުމާއި ދީނީ މިނިވަން ކަން ހޯދަން ރާއްޖޭގަ މުޒާހަރާ ކުރަން ޖާގަ އެއް ނުދެއެވެ.

    24
  8. މިއަދު

    އެހެންވެދޯ ކިޔަވައިގެންތިބި ތަޢުލީމީ މީހުން ސަރުކާރުން ވަކިކޮށް ނުކިޔަވާތިބި މަގުމަތިޕާޓޭންނަށް ވަޒީފާތައް ބަހަނީ

    41
  9. ގުއިދައިތަ

    ބޭފުޅާ ހުންނަވަނީ ތިހެން ވިދާލުވެލަ ވިދާޅުވެލަ.. ތިބަހަކާއި އަމަލަކާއި ދިމަލެއް ނުވޭ. ޖަލްސާ ޝަރަފުވެރިކޮށްދެއްވުން ފިޔަވާ ބޭފުޅާ ކުރައްވާ ކަމެއް ހަރާން. ކުރާ ކަމެއް ވެސް ކުރަނީ ބޮޑުވަޒީރު. އެވެސް ބޭފުޅާ ބޭނުންފުޅުވާ ގޮތާއި އިދިކޮޅަށް. ބޭފުޅާއަކަށް ހިއެއް ނުވޭ ތިކަންކަން ވާނެހެނެއް. ބޭފުޅާމެނަށް ދެން އަޅުގަޑުގެ ވޯޓް ޙަރާން. ވަރަށް ސަލާމް.

    26
  10. ހަސަން ތ

    ކަޑައެޅިގެންތިހަދަނީދޮގު ނިމިދިޔަމަޖިލިސް
    އިންތިހާބުކައިރިވެފައިއޮތްވާ އިދިކޮޅުޕާޓީގެލީޑަރހައްޔަރުކޮށް އެޕާޓީއަށް
    ދައުލަތުންދޭންޖެހޭފައިސާހިފެހެއްޓީކީއްވެ؟
    ތިހިރަމަގާމަކީވެސްހައްގުގޮތުގައިހޯދާގެންއުޅޭ
    މަގާމެއްނޫން

    28
  11. ޢަލީކޮއި

    ދެން ކިއްކުރަން ފުލެޓްތަކާ ތިޔަ ކުޅެނީ.

    19
  12. އަލީ

    ކޮބައިތޯ އަފްރާޝިމް ގެ ހައްގު؟

    18
  13. ދޮހޮއްކޮ

    ރައްޔިތުން ކަލޭ ހޮވީ އަދި ހޮވުމަށްފަހު ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަލޭ ހުވާކުރީ އިސްލާމީ އުސޫލުތަކުން ރާއްޖޭގެ ވެރިކަންކުރަން. ތިއީބާ ކީރިތި ރަސޫލާގެ ދުޢާފުޅުގައިވާފަދަ ނިޔަނެތި ވެރިންނަކީ ސޭކު އިލްޔާސްކުރެން އަހަންވެސް މަ ލަދުގަނޭ...ހެހެހެ

  14. ރަދީފް ހުސެން

    ކޮންމެ ރައްޔިތެއްގެ ކޮންމެ ހައްގެއް މިސަރުކާރުން ހިމާޔަތް ކުރަންއުޅޭނަމަ އެއީ މިސަރުކާރުގެ ނިމުން ކައިރިވާކަމުގެ ނިސާނެއް. ސަރުކާރުން ހިމާޔަތް ކޮއްދޭންޖެހޭނީ ދީނުގެ އިމުގެތެރޭން ދެވިފައިވާ ހައްގުތައް.

  15. ހުސޭނުބޭ

    ދެއިރު ދެދަޅައަށް މުންޖޭ ކިޔާބަލަ!

  16. Anonymous

    މި ލާދީނީ މުއްލާއައް ތަންދޮރު ނޭގި ވާހަކަ ދައްކާތީވެ ހިތާމަ ކުރަން. ފުރަތަމަ ހިންނަވަރުގެ ރައްޔިތުންނައް 25 އަހަރުވަންދެން މީނާ ހިވައި ދިން އިރު ނުކޮއްދެވުނު ކަމެއް މުޅި ރާއްޖޭގެ ރައްޔތުންނައް ކޮއްދެވޭނެތޯ. ރޯނު އެނދުރު

  17. ވަތަނަބެ

    ހައްގުތައް ހިމާޔަތް ކުރަން ރައީސް ވިދާޅުވިޔަސް، އެހައްގުތައް ހިމާޔަތްކުރަން ސަރުކާރުގައި ތިބި މީހުނައް އެކަމެއް ނޭންގެ. ރައީސްގެ ވައުދުތައް ވެސް ނޭންގެ. މަސައްކަތްކުރަނީ ދިމާ އިދިކޮޅަށް. މީހުން ވަޒީފާއިން ވަކިކޮށް، ވަޒީފާ ބަދަލުކޮށް، ބިރުދައްކާ، މުވައްޒަފުންނާނުގުޅޭ މަސައްކަތް ހަވާލުކޮށް، ގިނަ އޮފީސްތަކުގައި ދަނީ ހަދަމުން. އޭގެ ސަބަބުން މަސައްކަތުގެ ސައުގުވެރިކަން ގެއްލި ސަރުކާރަށް ގިނަމީހުން ދެކޮޅުވެރިވެ، ރައްޔިތު މީހާއަށް ދޭ ޚިދުމަތަށް އަސަރުކުރަމުންދޭ. މިކަމާ މަޖިލިސްމެމްބަރުން، ޕާޓީ އިސްމީހުން، ޒިންމާދާރު އެހެން ފަރާތްތަކުން ކިހާވަރަކަށް ވިސްނާ ފިކުރުކުރޭބާ؟ ނުވަތަ ކިހާވަރަކަށް މިކަންކަން އެގޭބާ؟