މާފުށީ ޖަލަށް އެތެރަކުރުމަށް ތައްޔާރުކޮށްފައިހުރި 22 ފޯނާއި އެހެނިހެން ތަކެތި ފުލުހުން އަތުލައިގެންފިއެވެ.

މިތަކެތި އަތުލައިގެންފައިވަނީ މާފުށީ ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރި ގިނަ ޢަދަދެއްގެ ތަކެތި ކ. ގުރައިދޫގެ ގެއެއްގައި ހުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި އެގެ ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އެގެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތެރެއިން 22 މޯބައިލް ފޯނާއި މޯބައިލް ފޯނުގެ 29 ޗާޖަރާއި މީޑިއާ ޕްލެޔަރުގެ އިތުރުން ދެ ރިމޯޓާއި ކޭބަލް ތަކަކާއި 5 ސިމްކާޑު ފެނިފައިވެއެވެ.

ފުލުހުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އަތުލައިގަނެފައި ވަނީ ނޮކިއާ ބްރޭންޑުގެ "ބައްތި" ފޯނުތަކެކެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު މިމައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.