ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.

މިއަދު 15:45 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ނޫސްވެރިންގެ ބައްދަލުވުމަކީ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާންއެވެ.

ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާއިރު މި މަހުގެ ފަސްވަނަ ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޑީޖޭއޭގެ ވެރިޔާ ހަސަން ސައީދު ހައްޔަރުކޮށްފައެވެ.

މީގެއިތުރުން އަލީ ހަމީދުގެ އަނބިކަނބަލުންނާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ސިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި ފަރާތްތައް ހަައްޔަރުކޮށްފައިވަނީ ރިޝްވަތު ދިނުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ.