ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން މިރޭ ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

"މިރޭގެ ވަގުތެއްގައި ކެބިނޭޓާ ބައްދަލުކޮށް މިކަން ކުރިޔަށް ގެންގޮސް އަވަހަށް މިކަމުން ސަލާމަތް ވެވޭނެ ގޮތެއް ހޯދައި، ކުރިޔަށް އޮތްތާގައި މިފަދަ ހާދިސާއަކުން ރައްކާތެރިވެ މިކަހަލަ ކަމެއްވިޔަ ނުދިނުމަށް އެޅޭނެ ފިޔަވަޅުތައް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިރޭ ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އަމަލީ ގޮތުން އަލިފާން ނިވުމަށްޓަކައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށައި މިއީ ވަރަށް ދެރަކޮށް ހިނގި ހާދިސާއެއް ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ކިރިޔާވެސް މިހާދިސާއިން ގެއްލުމެއް ލިބިފައިވާ ފަރާތެއްވާނަމަ ވީހާވެސް އަވަހަކަށް ކަމާބެހޭ އިދާރާތަކުން އެހީ ހޯދުން. ސަރުކާރުގެ ހުރިހާ މުއައްސަސާއަކުންނާއި ހުރިހާ މިނިސްޓްރީތަކުން މިކަމުގައި ގުޅިގެން މިދަނީ މަސައްކަތް ކުރަމުން." ރައީސް ވިދާޅުވިއެވެ.

ކެމިކަލް ރައްކާކުރާ ގުދަނެއްގައި މިރޭ 19:30 ހާއިރު ރޯވެ، އަލިފާންގަނޑު ފެތުރި ޖުމްލަ ހަތް އިމާރާތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑޫ މީހާ

    ތާކުންތާކު ޖެހޭ ކެބިނެޓެއްނޫން ހުސް ވަގުންތިބީ މިހާރު ތި އުޅެނީ ލާރިކޮޅެއް ދަވާލަން ދެން ބުނާނެ ހާލުގަ ޖެހުނު ފަރާތްތަކަށް އެހީވީމަ ބަޖެޓް ހުސްވީއޭ