މިރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެސްޓީއޯއިންވެސް އެހީވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިރޭ ބުނީ، މިރޭ ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އެ ކުންފުނިން ޑިޒާސްޓާ މެނޭޖްމެންޓާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ ބައެއް ސާމާނުތައް މިހާރު ފޯރުކޮށްދީފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު 100 އަށްވުރެ ގިނަ ފަރާތްތަކުން މިހާރު ތިބީ ކަލާފާނު ސްކޫލްގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާގައެވެ. އަދި އިތުރު ސްކޫލެއްވެސް ވަގުތީ ހިޔާގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

އަލިފާނުގެ ހާދިސާ ހިނގުމާއި އެކު ވަރަށް ގިނަ އާއްމުންނާއި ބައެއް ކުންފުނިތަކުން އަމިއްލަ އަށް އިސްނަގައިގެން މީހުންނަށް އެހީވުމުގެ ކަންކަން ދަނީ ކުރިއަށެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފްވާގޮތް ވަނީ ނުވެފައެވެ.