ރައީސް ޔާމީން މިއަދު ގައުމަށް މިގެންނަވަމުންދާ ތަރައްގީ ގާތުން ބެއްލެއްވުމަށް ރާއްޖެ ވަޑައިގަތުމަށް ކުރީގެ ރައީސް ނަޝީދަށް އެންވަރަމެންޓް މިނިސްޓަރ ތޯރިގު އިބުރާހިމް ގޮވާލައިފިއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓު ތަކުގައި އިހުތިޖާޖު ކުރުމަށް ކުރީގެ ރައީސް ނަޝީދު ގޮވާލުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި މިނިސްޓަރ ތޯރުގު ވިދާޅުވީ ފަތުރުވެތިން މުޒާހަރާ ކުރަން ގޮވާލީ އިދިކޮޅު މުޒާހަރާއަށް ނިކުނާނެ ބަޔަކު ނުވުމުން ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކ.ހިންމަފުށީގެ ނަރުދަމާގެ އަމަލީ މަސަކަތް ފެއްޓެވުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން މިދިޔަ ހަފްތާގައެވެ.

"ފަތުރުވެރިން މުޒާހަރާ ކުރުމަށް ގޮވާލީ އިދިކޮޅަށް ތާއީދު ކުރާ ބަޔަކު މިހާރު މުޒާހަރާ ކުރަން ނުނިކުންނާތީ, ދިވެހި ރައްޔިތުންނަށްވެސް އެނގޭ މިހާރު މުޒާހަރާ ކޮށްގެން ވާނެ ކަމެއްވެސް ނެތްކަން, އަދި މުޒާހަރާ ކުރަންޖެހޭ ސަބަބެއް ވެސް ނެތް ކަން" މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިގު ވިދާޅުވީ ދިވެހި ރައްޔިތުން މިވަގުތު ތިބީ އުފަލުން ކަމަށާއި ރައްޔިތުން ތިބީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންތައްތައް ހެޔޮހިތުން ގަބޫލު ކޮށްގެން ކަމަށެވެ.

"ރައްޔިތުންގެ މުޒާހަރާ ކުރަންވީ ކީއްކުރަންތޯ, ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން ލައްވާ ޓީޝާޓް ލައިގެން ކަލޭމެން މުޒާހަރާ ކުރާށޭ ބުނެ ރާއީސް ނަޝީދު ޓްވީޓް ކުރާއިރު އަޅުގަނޑު ގޮވާލަން ރައީސް ނަޝީދަށް ވެސް އަދި އިދިކޮޅު އެހެން ފަރާތް ތަކަށްވެސް ބޭރުގައި ނުތިއްބަވާ ގައުމަށް އެނބުރި އައިސް ރާއީސް ޔާމީން ގައުމު ތަރައްގީ ކުރައްވާ މަންޒަރު ގާތުން ބެއްލެއްވުމަށް" މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.

މިނިސްޓަރ ތޯރިގު ވިދާޅުވީ ބޭރުން އަންނަ ފަތުރުވެރިން މުޒާހަރާ ކުރަން ގޮވާލިއަސް އެ ބޭފުޅުން މާ ތަހުޒީބު ވާނެ ކަމަށާއި އެފަދަ ކަމެއް އެބޭފުޅުން ނުކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝީނު

    ކުރުކޮށްބުނާނަމަ، ތަރައްޤީއަކީ އުސް ޢީމާރާތްތަކާއި ބުރިޖެއްނޫން، ތަރައްޤީއަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭނުންތައް ލުއި ފަސޭހަކޮށް ލިބުމާއި، ހުރިހާ ކަމެއް ކުރުމުގައިވެސް ފަސޭހަގޮތްތަކެއް ލިބިގެންދިއުން، މިފަދަ ތަރައްޤީ ޤައުމުތަކުން ފެނިފައިވަނީ، އެ ޤައުމުތަކުގައި ދިރިއުޅޭ އިންސާނުންގެ ސިކުނޑިތައްވެސް ތަރައްޤީވެގެން،

    • ޔޫސުބު

      ކޮންކުރީޓް އަދި ކަލޭ ތިބުނާ ވައްތަރުގެ ތަރައްގީވެސް ކުރިއަށް އެބަދޭ ރޮކެޓް ސްޕީޑުގަ....ރަނގަޅަށް ލޯހުޅުވާ ބަލާ