މިދިޔަ ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ޖުމްލަ 562 މީހުން ހާލުގައި ޖެހިގެން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް، ޑިޒާސްޓަރ މެނޭޖްމަންޓްގެ ސީއީއޯ ހިސާން ޙަސަން ވިދާޅުވެއްޖެ އެވެ.

ހިސާން މިހެން ވިދާޅުވީ، އެ ހާދިސާއާއި ގުޅޭގޮތުން، މީޑީޔާ ތަކަށް މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"562 މީހުން އަޅުގަނޑުމެންގެ ރަޖިސްޓްރީގައި އެބަތިބި. އޭގެ ތެރެއިން ވަގުތީ ބޯހިޔާވަހިކަން 247 ފަރާތަކަށް މިހާރު ވާނީ ފޯރުކޮށްދީފައި. ހުކުރު ދުވަހުގެ ރެއިން ފެށިގެން އެރޭގެ ފަތިހާއި ހަމައަށް، ކަލާފާނު ސުކޫލުގައި ތިބި ހުރިހާ އެންމެންނަށް ވަގުތީ ބޯހިޔާވަހިކަން މިހާރު ވާނީ ފޯރުކޮށްދެވިފައި. ދެން އޭގެ އަނެއް ދުވަހު އައި ފަރާތްތައް، ނޫނީ ރައްޓެހިންނާއި، އާއިލާ މީހުންގެ ކައިރިއަށް ބަދަލުވި ފަރާތްތައް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ. އަދި އިތުރަށް ބޯހިޔާވަހިކަން ހަމަޖައްސަންޖެހޭ ފަރާތްތަކުގެ ކަންކަން އަޅުގަނޑުމެން ބަލަމުން މިދަނީ." ހިސާން ވިދާޅުވިއެވެ.

އިތުރަށް ހިސާން ވިދާޅުވީ، މި ހާދިސާއަށް ދެ ދުވަސް ވެގެން ދާއިރު، ގެއްލުން ލިބުނު ހުރިހާ ފަރާތްތަކެއްވެސް މިހާރު ތިބެންވާނީ ރަޖިސްޓްރީވެފައި ކަމަށާއި، އެ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަކަމާއި އޯގާތެރިކަމާއި އެކު އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ޔަޤީންކަން އަރުވަން މި ހާދިސާއާއި ގުޅިގެން، އަޅުގަނޑުމެން އަޅާނުލާ ދޫކޮށްލި ފަރާތެއް ނުހުންނާނެ. މަގުމަތިވެފަހުރި އެއްވެސް ފަރާތެއް ނުހުންނާނެ. ނަމަވެސް މިއަދުގެ މިހާހިސާބަށް އަންނަފަހުން ދެން ބޯހިޔާވަހިކަން ހޯދަން އައީމަ އަޅުގަނޑުމެން އެބަ ބަލަންޖެހޭ މި ވޭތުވި ދެ ދުވަހު އެމީހުން އުޅުނީ ކޮންތަނެއްގައިތޯ. އެމީހުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސީ ކިހިނެއްތޯ. މިއަދު ކީއްވެގެންތޯ އެހާ ލަސްކޮށްފައި ރަޖިސްޓްރޭޝަން އަށް އައީ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މިހާ ހިސާބަށް އަންނަ އިރު ހުރިހާ އެންމެން ތިބެންވާނީ ރަޖިސްޓްރީވެފައި." ހިސާން ވިދާޅުވިއެވެ.