ގއ. ވިލިނގިލީ ގޮނޑުދޮށުން ގަވާއިދާ ޚިލާފަށް ވެލި ނަގާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެމައްސަލަ ބަލަން ފެށީ، އިއްޔެ އެރަށު އިބްރާހިމް މުހައްމަދު ކަލޭފާނު މަގު ގޮނޑުދޮށުން ޖުމްލަ 61 ބަސްތާ ވެއްޔާއި މިއަދު އެރަށު ކުނިކޮށި ސަރަހައްދުގެ ގޮނޑު ދޮށުން 100 ބަސްތާ ވެލި ނެގި މައްސަލައެއް އެ އިދާރާއަށް ހުށަހެޅުމާ ގުޅިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ އެސަރަހައްދުތަކުން ވެލި ނެގުމަކީ އެންވާރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން އެކުލަވާލާފައިވާ ގަވާއިދުތަކާ ޚިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން އީޕީއޭ އިން ހަދާފައިވާ "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ގަލާއި ވެއްޔާއި އަކިރި ނެގުމާ ބެހޭ ގާނޫނު" އާއި "ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާ ބެހޭ ގަވާއިދު" އާއި ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދު" ގައި ބަޔާންކޮށްފައިވާ ގޮތަށް އީޕީއޭއިން ހުއްދަ ދީފައިވާ ތަންތަނުން ނޫން ގޮތަކަށް ގަލާއި ވެއްޔާއި އަކިރި ނެގުމަށް އިލްތިމާސް ކުރާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަދި އެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް ވެލި ނަގާނަމަ އީޕީއޭއާ ގުޅިގެން އެފަދަ މައްސަލަތައް ބަލައި، ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު