ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ އަނބިކަނބަލުންނާއި ދަރިކަލުން ފުލުސް އޮފީހަށް ހާޒިރުކުރިކަމަށް މީސްމީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުންގެ އިދާރާއިން ދޮގުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރައީސް ޔާމީންގެ އަނބިކަނބަލުން، ފާތިމަތު އިބްރާހިމްއާއި އެމަނިކުފާނުގެ ދަރިކަލުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ކަމަށްބުނެ ބައެއް މީޑިއާތަކާއި މީސްމީޑިއާގެ އެކި ވަސީލަތްތަކުގައި ފެތުރެމުންދާ ވާހަކަތަކަކީ ދޮގު މައުލޫމާތުތަކެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް، ދަރިކަލުންވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައިނުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިފަދަ ވާހަކަތަކެއް މީސްމީޑިއާގައި ދެކެވެމުންދާއިރު މިއަދު ކުރިއަށްދިޔަ އެމަނިކުފާނުގެ ޝަރީއަތާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ މުޒާހަރާކޮށް އިހުތިޖާޖުކޮށްފައެވެ. އެ މުޒާހަރާގައި އާންމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، މައުލޫމާތު ލިބޭ ގޮތުގައި ފުލުހަކަށް ހަމަލާދިން އަންހެނަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެމަނިކުފާނުގެ ޝަރީއަތުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ކުރިއަށްދިޔައީ ދެފަރާތުންވެސް ޚުލާސާ ބަޔާން އިއްވުމެވެ. ޚުލާސާ ބަޔާނަށްފަހު ހުކުމް އިއްވަން ހަމަޖެހިފައިވާއިރު އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވަން ތާވަލްކޮށްފައި އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު