ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް) އިން މެދުރާއްޖެ ތެރޭގެ ތިން އަތޮޅަަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފިއެވެ.

އެ އިދާރާ އިން ރީނދޫ ސަމާލު މިރޭ ނެރެފައި ވަނީ ކ.އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އަދި މި ސަމާލު ދިގުލައިގެން ދާނީ މިރޭ 20:00ން ފެށިގެން 23:00ށް ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފައެވެ. މި މުއްދަތުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުން އެކަށީގެންވެއެވެ.

މިރޭގެ 20:00ން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މުޅި ރާއްޖޭގެ މޫސުން ލަފާ ކުރެވޭ ގޮތަށް ބަލައިލާ އިރުގައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެން ވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރީނދޫ ސަމާލު ނެރެފައިވާ ވަގުތުގައި އެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މުސޫމަށް ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުން އެދެވިގެންވެއެވެ.

މިއީ ރާއްޖޭ އަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ގެންދާ ދުވަސްކޮޅު ކަމުގައި ވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ނެރެފައިވާ ރިޕޯޓެއްގައި ވަނީ މިއަހަރުގެ އޮކްޓޫބަރު މަހު މެދު ތެރެއާއި ދެކުނުގެ އަތޮޅުތަކަށް މީގެ ކުރީ އަހަރުތަކުގައި ވާރޭ ވެހޭ ވަރަށް ވުރެން ގިނައިން މި އަހަރު ވެހުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އުތުރުގެ އަތޮޅުތަކަށް ކުރާނީ އާދައިގެ ވަރަކަށް ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީހުން ނުބައި ވެއްޖެނަމަ ރަތް ކުލައިގެ ސަމާލުވެސް އަންނާނެ

    1
    1