މެދުކެނޑުމެއް ނެތި ގިނައިރުތަކެއް ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަދެއްޖެއެވެ.

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ އަށް އިއްޔެ އިން ފަށައިގެން ވަރަށް ބޮޑަށް ވިއްސާރަވެ ބޯކޮށް ވާރޭވެހެމުންދާއިރު، ރޭ ދަންވަރު މެދުކެނޑުމެއް ނެތި ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ.

ބޯކޮށް ވާރޭވެހި އައްޑޫގެ މަގެއްގައި ފެންބޮޑުވެފައި - ވަގުތު އިމޭޖަސް

މިކަމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އައްޑޫ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ހިތަދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނާތީ ވެލިބަސްތާ ޖަހައިދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

އައްޑޫއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވި ސަރަޙައްދުތަކުގައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، އަދިވެސް އެ ސިޓީއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.

ބޯކޮށް ވާރޭވެހި އައްޑޫގެ އެކި ހިސާބުތަކުގައި ފެންބޮޑުވެފައިވާއިރު، މޫސުމާއި ބެހޭ އިދާރާއިން ވަނީ އެ ސިޓީ ހިމެނޭހެން ދެކުނުގެ ހަތަރު އަތޮޅަކަށް ރީނދޫ ސަމާލު ނެރެފައެވެ. ރޭ ދަންވަރު 1:00 އިން ފަށައިގެން މިހާތަނަށް މި ސަމާލު ތިން ފަހަރެއްގެ މަތިން ދަމަހައްޓަފައިވާއިރު، އެންމެ ފަހުން ނެރުނު ސަމާލުގެ ވަގުތު ހަމަވާނީ މިއަދު މެންދުރު 12:00 އަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ރީނދޫ ސަމާލު ނެރެފައި ވަނީ ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކާއި އައްޑޫ ސިޓީ އަށެވެ. އެ އިދާރާ އިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙޯރަ

    ތިޔައީ ދުނިޔޭގެ ޗާޓުގައި ފާހަގަ ކޮށްފައިވާ ސުވަޑީވާ ސަރަހައްދު، މޯލްޑިވްސް މިކިޔަނީ މަލްޑީވާ އާއި ސުވަޑީވާ އާޗިޕިލަގޯ ގެ މައްޗަށް، މަލިކަކީ މަލްޑީވް އާޗިޕިލަގޯގެ ރަށެއް، އެއްމެ އުތުރަށް ލަކަޑީވްގެ ރައްތަށް އޮއްނައިރު އެންމެ ދެކުނަށް ފޯޅަވަހި،

    4
    1