ނިމިދިޔަ ހަފްތާ ތެރޭގައި މާލޭގައި 58 އެކްސިޑެންޓެއް ހިނގާ، އެ އެކްސިޑެންޓަތަކުގެ ތެރޭގައި 11 މީހަކަށް އެކިވަރުގެ އަނިޔާ ލިބުނުކަމަށް، ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިމަހުގެ 5 ވަނަ ދުވަހުން މިމަހުގެ 11 ވަނަ ދުވަހާއި ދޭތެރޭ 58 އެކްސިޑެންޓު ހިނގާފައިވާކަމަށް ދައްކާފައިވަނީ ފުލުހުންގެ ޓްރެފިކް މެނޭޖްމެންޓް ޑިޕާޓްމެންޓުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުންނެވެ. އަދި އެ އެކްސިޑެންޓުތަކުން 11 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށްވެސް މި ތަފާސްހިސާބުގައި ވެއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި، އެކި އެކްސިޑެންޓުތަކާއި ގުޅިގެން 9 މީހެއްގެ ލައިސަންސްވެސް ވަނީ ހިފަހައްޓާފައެވެ. އެ ހަފްތާގެ ތެރޭގައި 1160 ވެހިކަލެއް ބަލާ ފާސްކުރި އިރު، ލައިސެންސް ނެތި ދުއްވައިގެން 130 މީހަކު އަދި ލައިސަންސް ކާޑާއި ނުލާ ދުއްވައިގެން 62 މީހަކު ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން އިންޝުއަރެންސް، އަދި ރޯޑުވާދިނަސް ނެތި ދުއްވައިގެން، 56 ވެހިކަލެއް ވަނީ ހުއްޓުވާފައެވެ.

މާލޭގައި ތާރު އަޅައި ހަލި މަގު ތަރައްޤީކޮށް އަދި ބުރިޖާއި ގުޅިގެން ހުޅުމާލެ އާއި ހަމައަށް ތާރު އަޅައިގެން މަގެއް ތަރައްޤީ ކުރިފަހުން އެކްސިޑެންޓްތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޓްރެފިކް ބަލަހައްޓަން މިހާރު ފުލުހުން އިތުރު މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ނަމަވެސް އެކްސިޑެންޓްތައް މަދުވާ ކަމަކަށް ތަފާސް ހިސާބުތަކަކުން ނުދައްކަައެވެ.

ކުދިކުދި އެކްސިޑެންޓްތައް މަދުކުރުމަށް ފުލުހުން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބުރިޖު މަތީގައި ހުރި ބަމްޕަރުތައް ވެސް ނަގާފައެވެ. ނަމަވެސް އެކަމުގެ ސަބަބުން އެކްސިޑެންޓްތައް މަދުވި ކަމަކަށް ފުލުހުން އަދި ނުބުނެއެވެ.