ރައީސް ނަޝީދުގެ ސަރުކާރުން ޖުޑިޝަރީގެ ތެރެއަށް ވަދެ "ހަޑި ހޭވި" ގޮތަށް މިސަރުކާރުންވެސް މަސައްކަތް ކުރަމުން ދަނީ ޖުޑިޝަރީގެ ތެރެއަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ 2009 ވަނަ އަހަރުވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީން ޖުޑީޝަރީ އިސްލާހު ކުރުމުގެ ނަމުގައި ޖުޑީޝަރީ އަށް ނުފޫޒު ފޯރުވައި އެ ފަރާތްތަކުން ބޭނުންވާ ގޮތަށް އެ މުއައްސަސާއިން ނިންމުންތައް ނިންމުމަށް މަސައްކަތް ކުރި ކަމަށެވެ.

އެފަހަރު އެ މަސައްކަތް ކާމިޔާބުނުވެ އެމަނިކުފާނަށް ވަރަށް ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ކަމަށާއި އެމްޑީޕީގެ ސަރުކާރުން އަނެއްކާވެސް ކުރަމުންދަނީ އެ ކަންކަން ކަމަށް މުންދު ވިދާޅުވިއެވެ. އަދި މިއަދު މަސައްކަތް ކުރަމުންދަނީ އިސްލާމީ އަސްލުތަކުގެ އުސޫލުތައް ނައްތާލާ ހުޅަނގުގެ އުސޫލުތަކެއް އަށަގެންނެވުމަށް ކަމަށްވެސް މުންދު ތުހުމަތު ކުރެއްވިއެވެ.

"ރާއްޖޭގެ މުސްތަގިއްލު ކަމަށް ބުރުއަރުވަން މިހެން ނަޝީދާއި އެމްޑީޕީން ކުރާ ހަމަ ކޮންމެ މަސައްކަތެއްގައި ފާރައެއްގެ ގޮތުގައި އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުގައި ހުއްޓިގެން ތިބޭނަން. އެކަން ވަރަށް ރަނގަޅަށް ދަންނަން ވާނެ. ރާއްޖޭގެ ޖުޑީޝަރީއެއް އަޅުގަނޑުމެންނެއް ދުލެއް ނުކޮށްލާނަން ކެނެރީގޭ ތެރެއަށް ދާކަށް" މުންދު ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ ޖުޑިޝަރީ އަކީ ރައީސް ނަޝީދާއި އެމަނިކުފާނުގެ ކައިރީގައި އުޅުއްވާ ފަރާތްތަކުގެ ޣަނީމާ މުދަލަކަށް ހެދިޔަ ނުދެއްވާނެ ކަމަށާއި ރައްޔިތުންގެ ފަރާތުން އެކަމާ ދެކޮޅަށް ތެދުވެ ތިބޭނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކުރާ މަސައްކަތްތައް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

އިދިކޮޅުން މިހެން ބުނެފައިވާއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހާޒިރުވާން އެންގި އެންގުމަށް ތަބާނުވެ ބަޔާނެއް ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ވަނީ ބަލަން ނިންމާފައެވެ.

ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށްވާއިރު، ރިޔާސީ ނިޒާމެއްގައި އޮންނަ ތިން ބާރު ކަމުގައިވާ، ވެރިކަން ކުރާ ބާރާއި، ޖުޑިޝަރީ އަދި ގާނޫނު ހަދާ މަޖިލިސް އަކީ ވަކިން ހިންގަން ޖެހޭ ތިން ބާރެވެ. މި ތިން ބާރަށްވެސް އެއް ބާރު އަނެއްބާރަށް ނުފޫޒު ފޯރުވަމަކީ ގާނޫނު އަސާސީން ހުއްދަ ކުރާ ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ވަކަވަކަ

  ޖުމަހޫރީ ދުވަހުގެ ކެއުމަށް ހަމަޖެެއްސި ލާރިކޮޅު ކާލި ވަގުކަލޭގެ އެވެ. ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޮރުވާގޮތް ނިކަން ސާފުކޮށްދީބަލާށެވެ. ނޫނީއްޔާ ކަލޭ ހަމަ ގަމާރީ ހެވެ.

  • ހަގީގީ ގަމާރު

   ހަގީގީ ގަމާރަކީ ﷲތަޢާލާ ވޮޑިގެންވުމާއިމެދު ޝައްކުކޮށް މިފުރިހަމަ ދީނަށް ފުރަށްސާރަކޮށް މާބޮޑަށް އަމިއްލަމީހާއާއި ނުވަތަ ވާނުވާނޭނގޭ މީހެއްގެ އަވާގަޖެހި ކިޔާހާއެއްޗެއްގަބޫލުކުރާ މީހުންނެވެ. މިފުރިހަމަ ދީނާމެދު ޝައްކުކުރާ މީހުންނެވެ. ތިމާމިދުނިޔެއަށްލެއްވި ރީސަން ނޭނގޭ އަދި ހޯދަންވެސް ނޫޅޭ މީހާއެވެ.
   ވަގަށް ގޮވަންވަރަށް ފަސޭހަވާނެ ކޮންމެމީހަކަށްވެސް. އެކަމު ހަމަ މީހަކުކިޔާ އެއްޗަކަށް ބަލާފަ ވަގަށް ގޮވާހެދުމުން ވާގެއްލުން މިއަދުވެސް އެއްޗެއްނުވިސްނޭނީ ހަމަ ހަގީގީ ބޮޑު ގަމާރަކަށެވެ.
   ޝުކުރިއްޔާ - ކުރީގެ ގަމާރު/ލާދީނީ ރައީސް، ރ.ނަޝީދު -