ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ކަންކަން ކުރާ ފަރާތްތަކާ ގުޅޭ މައުލޫމާތު ރިޕޯޓުކުރާ ފަރާތްތައް (ވިސްލްބްލޯކުރާ ފަރާތްތައް) ރައްކާތެރިކުރުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ.

އެބިލަކީ ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ބިލެކެވެ. ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯކޮށްގެން މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ ޢަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ، ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ޘަޤާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތައް ވެސް މިބިލުގައި ބަޔާންކޮށްފައިވެއެވެ.

އެ ބިލުގެ މަގްސަދަކީ ނޭދެވޭ ޢަމަލެއްގެ މަޢުލޫމާތު ހުށަހަޅައި، ވިސްލްބްލޯކުރާނެ ނިޒާމެއް އެކަށައަޅައި، ވިސްލްބްލޯކުރުމަށް ހިތްވަރު ދިނުމާއި ވިސްލްބްލޯކުރުމުން ލިބޭ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤުކޮށް، ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި ވިސްލްބްލޯކުރާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ހުށަހެޅޭ ނޭދެވޭ ޢަމަލުތަކަށް ޖަވާބުދާރީވަނިވި، ދެފުށްފެންނަ، ނަޒާހަތްތެރި ޘަޤާފަތެއް ދައުލަތުގެ އިދާރާތަކާއި އަމިއްލަ ފަރާތްތަކުގެ ކިބައިގައި އަށަގެންނެވުމެވެ.

މީގެ އިތުރުންވެސް ޤާނޫނުގެ ދަށުން ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިގެންވާ ޙައްޤުތަކުގެ ބޭނުން އެކަށީގެންވާ އަދި ޒިންމާދާރު ގޮތެއްގައި ހިފުމާއި، މި ޤާނޫނުގައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުން ވެސް ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ޤާނޫނަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ހިންނަވަރު އިބްރާހިމަށް ހަމައެކަނި ކުރެވޭ ކަމަކީ މިއީދޯ. މަޤާމުން އިސްތިއުފާ ދޭންވީނު.

    10
  2. Anonymous

    ޝަހިން... މިހިސާބަށް ނުކިޔެނީސް ހައްޔަރު ކުރަނީ ތިޔަ ގާނޫނުގެ ފުރިހަމަ ކަމުން. އިސްލާމުންނާއި ނަބިއްޔާއާއި ނުބެހޭތިދެން.