ކަނޑިންމަ މޯލްޑިވްސް ރިސޯޓަށް އެރި ވެލައެއް އެ ރިސޯޓުގެ ޕޫލަކަށް ވެއްޓިއްޖެ އެވެ.

ކަނޑިއްމަ ރިސޯޓުން ބުނި ގޮތުގައި އެވެލާ ޕޫލުތެރެއަށް ވެއްޓިފައިވަނީ ރިސޯޓު ގޮނޑުދޮށަށް އަރައި އުޅެނިކޮށެވެ. އަދި ވެއްޓިފައިވަނީ އެ ރިސޯޓުގެ ބީޗް ވިލާއެއްގެ ޕޫލަށް ކަމަށާއި ވެލާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ރިސޯޓުން ފޭސްބުކްއަށް ދޫކޮށްލި ވީޑިއޯއިން ދައްކާ ގޮތުގައި، ރިސޯޓުގެ މުވައްޒަފަކު ޕޫލަށް އެރި، އެ ވެލާ ޕޫލުން ސަލާމަތްކުރެއެވެ. އަދި ގޮނޑުދޮށަށް ދޫކޮށްލުމާއެކު މޫދާ ދިމާލަށް ވެލާ މިސްރާބު ޖަހައެވެ.

ވީޑިއޯ ޕޯސްޓުކޮށް، އެރިސޯޓުން ބުނެފައިވަނީ ވެލާ ކަހަނބަކީ ރާއްޖޭގެ ރީތި ރަށްރަށާއި މޫދާއި ގޮނޑުދޮށްތަކައި ދިރިއުޅޭ އެއްޗެހި ކަމުން އެތަކެއްޗަށް ކަމޭހިތަންޖެހޭ ކަމަށެވެ. އަދި އެފަދަ ދިރުންތައް ބަލާ ހެދުމަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ކަމެއް ކަމަށާއި އެހާ ކައިރިން ބޮޑު ވެލައެއް ނުވަތަ އެހެން ދިރުންތައް ފެނުމުން ފަތުރުވެރިން ބިރުގަތުން އެކަށީގެންވާ ކަމަށެވެ. އެހެން ކަމުން ރިސޯޓުތަކުން ގެސްޓުންނަށް އެފަދަ ދިރުންތަކާ ބެހޭ މައުލޫމާތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް އެ ރިސޯޓުން ބުންޏެވެ.

ދާދި ފަހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ބަނދެފައި އޮއްވާ ފެނުނު ބޮޑު ވެލައެއް، އެންވާރަމަންޓް މިނިސްޓްރީއާއި އީޕީއޭ ގުޅިގެން ވަނީ ސަލާމަތްކޮށްފައެވެ.

އަދި ރިސޯޓެއްގެ ކޮޓަރިއަކަށް ވަދެ އުޅުނު މާކަނާއެއް މަރާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި އިރު، އެ މައްސަލަ އީޕީއޭއިން ދަނީ ބަލަމުންނެވެ. މާކަނައަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނީގެ ބާވަތެކެވެ.