އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނިއު ދިއްލީގެ ފަޔާ ޓްރެއިންނިންގް ސެންޓަރުގައި ކުރިއަށްދާ ތަމްރީނުތަކެއްގައި ރީޖަނަލް ހަތަރު އެއާޕޯޓަކަށް ތަމްރީނު ކުރުމަށް ފަޔާ ފައިޓަރުން ފޮނުވަން ނިންމައިފި އެވެ.

ރާއްޖޭގެ އެތެރޭގެ އެއާޕޯޓުތައް ބަލަހައްޓަމުން އަންނަ ރީޖަނަލް އެއާޕޯޓްސް އިން ބުނީ އަންނަ އަހަރު ޖެނުއަރީ މަހުގައި ފެށުމަށް ތައްޔާރުވެފައިވާ ބޭސިކް ފަޔާމަނުންގެ ތަމްރީނުތަކުގައި ބައިވެރިވުމަށް ރާއްޖއަށް 20 ފުރުސަތު ލިބިފައިވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނިގޮތތުގައި މި 20 ފުރުސަތުގެ ދަށުން ތަމްރީނު ހޯދުމަށް ފޮނުވަން ނިންމާފައިވަނީ އަލަށް ތަރައްގީ ކުރަމުންދާ އެއާޕޯޓްތަކުގެ ފަޔާ އެންޑް ރެސްކިއުގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަޔާ މަނުންނެވެ. އެގޮތުން ފުރުސަތު ދޭން ނިންމާފައިވަނީ، ހއ. ހޯރަފުށި އެއާޕޯޓަށް ފަސް ފުރުސްތު، ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ފަސް ފުރުސަތު، ށ. ފުނަދޫ އެއާޕޯޓަށް ފަސްފުރުސަތުގެ އިތުރުން ގދ. މާވަރުލު އެއާޕޯޓަށް ފަސްފުރުސަތު ކަމަށްވެސް ރީޖަނަލް އެއާޕޯޓްސް އިން ބުނެ އެވެ.

ރީޖަނަލް އެއާޕޯޓްސް އިން ބުނިގޮތުގައި މި ފުރުސަތު ލިބޭނީ މިކަމަށް ޚާއްސަކޮށްގެން ހަދާ މެޑިކަލް ޓެސްޓުން ފާސްވެގެންނާއި، ސާނަވީ އިމްތިހާނުގެ އިނގިރޭސި އަދި ހިސާބު މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން ސެކަންޑްރީ ސްކޫލް އިމްތިހާނުގެ ދިވެހި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ ފަރާތްތަކަށެވެ. ހަމައެހެންމެ މި ފަރާތްތަކުގެ ތެރެއިންވެސް 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް އިސްކަން ދޭނެ ކަމަށވެސް ރީޖަނަލް އެއާޕޯޓްސް އިން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ޖުމްލަ 16 އެއާޕޯޓް ހިންގާއިރު މީގެ ތެރޭގައި ހިމެނެނީ ތިން އިންޓަނޭޝަނަލް އެއާޕޯޓާއި، 13 ޑޮމެސްޓިކް އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު