މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ދޭތެރޭގައި ސުވާލު އުފެއްދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް "ވަގުތަށް" ވިދާޅުވީ، ތާވަލުކުރެވިފައިވާ ގޮތަށް ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތަށް ކުރިއަށްދާކަމަށާއި، ރިޔާސީ އިންތިޚާބާއި ދޭތެރޭގައި ސުވާލު އުފެއްދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަމަށެވެ.

"ރިޔާސީ އިންތިޚާބާއި ދޭތެރޭގައި ސުވާލު އުފެއްދޭނެ އެއްވެސް ކަހަލަ ކަމެއް ނެތް، ހަމަޖެހިފައިވާ ޝެޑިއުލްއާ އެއްގޮތަށް ކަނޑައެޅިފައިވާ ތާރީޚްގައި އޮންނާނެ" އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

އީސީގެ މެންބަރު އަކްރަމް އިތުރަށް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަރަށް ފުރިހަމައަށް ވަމުންދާކަމަށާއި، ރައްޔިތުން ބޭނުންވާފަދަ މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު އަދި ރައްޔިތުންނަށް ފަސޭހަ އިންތިޚާބެއް ގެނެސްދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އިލެކްޝަންސް ކޮމިޝަނަށް އެބައޮތްކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ މަސައްކަތްތަކުގެ ނުވަދިހަ އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބާކީ ހުރި މަސައްކަތްތައް ވެސް މަހެއްހާ ދުވަސްތެރޭގައި ނިންމާލެވޭނެކަމަށް އީސީގެ މެންބަރު އަޙްމަދު އަކްރަމް ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިގު މުއްދަތެއް ދިނުމަށްޓަކައި، މެއި މަހުގެ ތެރޭގައި އެ ލިސްޓު ޢާންމު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ޖޫން މަހުގެ ތެރޭގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ވެސް ހުޅުވާލާނެކަމަށެވެ.

މެއި މަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ޢާއްމުކޮށް، ޖޫންމަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާއިރު، ލިސްޓު އާއްމު ކުރުމަށްފަހު، އިންތިޚާބު އޮބަޒާވް ކުރުމަށްޝައުގުވެރިވެލައްވާ ފަރާތްތަކާއި މޮނިޓަރ ކުރަން ޝައުޤުވެރިވެލައްވާ މީޑިއާތަކަށްވެސް އެ ފުރުޞަތު ހުޅުވާލައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު އަދި ކުރިއަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ހިއްޞާ ކުރަން މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ސިޔާސީ ޕާޓީތަކާއެކު ވަކި ވަކި ބައްދަލުވުންތަކެއްވެސް ތާވަލުކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ތިމަންނަ

    " މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާއި ދޭތެރޭގައި ސުވާލު އުފެއްދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަމަށް އިލެކްޝަންސް ކޮމިޝަން ވިދާޅުވެއްޖެއެވެ." ސުވާލު އުފެއްދިއްޔާ ކުރެވޭނީ ކޮންކަމެއް؟؟؟؟