އަބަދަށްފެހި މަގުގައި ހުންނަ ގުދަނެއްގައި ރޯވި އަލިފާން އިތުރު އިމާރާތްތަކަށް ފެތުރިގެން ހިނގި ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު ރޯވެގައި ހުރި އިމާރާތްތަކުގެ ތެރެއަށް ވަދެ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ ނުވަ ބޭފުޅަކަށް ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަރުވައިފިއެވެ.

ސިފައިންނަށް މެޑަލް އެރުވީ މިރޭ ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ލިބުނު ސިފައިންގެ ބޭކަލުންނަކީ ސާޖަންޓް އަހްމަދު ސައީދު، ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު، ސާޖަންޓް އަލީ ރިޒްވީން، ސާޖަންޓް އާދަމް ފަޒީލް، ސާޖަންޓް ހުސައިން އަންވަރު، ކޯޕްރަލް އަހްމަރު އަނަސް ޒަކީ، ކޯޕްރަލް އަހްމަދު ހިޝާމް، ކޯޕްރަލް ޝަހުދާން ނަސީމް، ޕްރައިވެޓް އިސްމާއިލް ރިހުޝާން އެވެ.

 

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަކީ އަމިއްލަ ނަފުސަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި، ދޭ މެޑަލެކެވެ. މިއީ ސިފައިންނަށް ދެވޭ ދެވަނަ އަށް އެންމެ ޝަރަފްވެރި މެޑަލް އެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ނުވަ ބޭފުޅުންނަށް މި މެޑަލް ދިނުމަށް ނިންމީ، އަލިފާން އެންމެ ބޮޑަށް ރޯވި ގެތަކުގެ އެކި ފްލޯތަކުގައި ނުނިކުމެވިފައި ތިބި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ދެއްކި އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުން ކަމަށެވެ.

މީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑެލް، މިރޭ ޙާޞިލްކުރެއްވި ސިފައިންގެ 9 ބޭކަލުންނަށް، ރައީސް ޞާލިހް ވަނީ މަރުޙަބާ އާއި ތަހުނިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ މާލޭގެ ގެތަކެއް އަނދައިގެން ދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ސިފައިން އެ ހިތްވަރު ނުދެއްކެވި ނަމަ، އަދި އެ ނުރައްކާތަކާ ކުރިމަތިނުލެއްވި ނަމަ، ޢާންމު ރައްޔިތުންގެ ތެރެއިން ކިތަންމެ ބައެއްގެ ފުރާނަ ގެއްލުމަކީ، ވަރަށް އެކަށީގެންވާ ކަމެއް ކަމަށެވެ.

"ތިޔަ ބޭފުޅުން އެރޭ ސާބިތުކޮށްދެއްވީ، ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ ޙައްޤުގައި، ފުރާނައިން ޤުރްބާންވެވަޑައިގަތުމުގެ ހިތްވަރާއި ޢަޒުމް ތިޔަ ބޭފުޅުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާކަން. ސިފަވަންތަކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އަށަގެންފައިވާކަން. އަދި މިރޭ، ހިތްވަރުގަދަ ކަމުގެ ކުލަ ޙާޞިލްކުރެއްވި 11 ސިފައިންނަށްވެސް، މަރުޙަބާ އާއި ތަހުނިޔާ ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިންގފިޝަރ

    މެޑަލް އާއި ކުލަ ލިބުނު ފަރާތްތަކަށް މަރުހަބާ. އަޅުގަނޑުގެ ވިސްނުމަށް އަންނަނީ ތިޔައީ މުއައްސަސާ ފެންވަރުގައި ފާހަގަ ކުރެވުނު ކަމަކަށްވުރެ ގައުމީ ފެންވަރުގައި ފާހަގަ ކުރެވުނު ކަމަކަށްވީނަމަ އަދި ފުރާނަ ސަލާމަތް ކުރުމުގައި ބައިވެރިވި އެހެން މުއައްސަސާތަކާއި ވަކިވަކި ފަރުދުންވެސް ހިމެނޭގޮތުން ތިޔަފަދަ ކަންކަން ފާހަގަކުރުން. ބަޔަކަށް ޢިބްރަތަކަށްވުން. މިފަދަ ކަންކަމަށް ޒުވާނުންގެ ލޯތައް ހުޅުވާލުން. އިސްނެގުމަށް ބާރުއެޅުން. އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރުވާގޮތަށް ހިއުމަން އިންޓެލިޖެންސް ވެސް ކުރިއެރުވުމަށް މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުން.