ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިސްކޯތަކާއި، ބަނގުރާ ވިއްކާ ބަރތަކާއި، ޑްރަގު އާންމު ކުރުމަށް ޒުވާނުންނަށް ހިތްވަރު ދެއްވަމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޝީރު ވިދާޅުވެއްޖެއެވެ.

ޒުވާނުނާއި ގުޅޭ ގޮތުން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި އުމަރު ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޑިސްކޯތަކާއި، ބަނގުރާ ވިއްކާ ބަރތަކާއި، ޑްރަގު އާންމު ކުރުމަށް ޒުވާނުންނަށް ހިތްވަރު ދެއްވަމުން ކަމަށާއި އެ ފަދަ މަސައްކަތަކީ ޒުވާނުންގެ މުސްތަގުބަލް ހަލާކުކޮށްލައި މަސްތުގެ ޝިކާރައަކަށް ޒުވާނުން ހެދުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޒުވާނުންނަކީ ދީނަށް ކަމޭހިތާ، މުރާލި ހީވާގި، ތައުލީމީ އަދި ސިއްހަތު ރަނގަޅު ބަޔަކަށް ހެދޭނީ، އެމީހުންގެ ޒުވާން ދުވަސްވަރު މަގުއޮޅިގެން ނުދާގޮތަށް ގައުމުގެ ސިޔާސަތުތައް ބައްޓަން ކޮށްގެން" އުމަރު ވިދާޅުވިއެވެ.

ޑްރަގާއި ޑިސްކޯ ގެ ފަދަ ވިޔާނުދާ ކަންކަމުގެ ތެރެއަށް ޒުވާނުން ވެއްދުމަކީ "އެއްކޮޅަށް ދުއްވާ މަގަކަށް ޒުވާނާ ވެއްދުމަކީ އެއްކޮޅަށް ދުއްވާ މަގަކަށް ޒުވާނާ ވައްދައި އޭނާގެ މުސްތަގުބަލް ހަލާކުކޮށްލާނެ ކަމެއް،" ކަމަށް އުމަރު ވިދާޅުވިއެވެ.

ސަރުކާރުން ކޮށްދެއްވަންވީ ކަމަކީ ޔުނިވަރސިޓީ ތައުލީމާއި، ތަމްރީންތައް ހިލޭ ލިބޭނެގޮތަށް މަގުފަހިކޮށްދިނުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން ޒުވާނުންގެ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓޭނެ މާހައުލެއް ޒުވާނުންނަށް ކަށަވަރު ކޮށްދެއްވުން ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

އޯޑިއޯ މެސެޖް އަކާއި އެކު ކުރި ޓުވީޓްއެއްގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި އުޅެން ދަތިވެއްޖެ ކަމަށް ގަބޫލު ކުރެވޭ ޒުވާނުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

"ކިތަންމެ ޒުވާނެއްގެ ދިރިއުޅުން ވަރަށް އުނދަގޫވެއްޖެ. ރާއްޖޭގައި ވަކިން ހާއްސަކޮށް މާލޭގައި ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ. ޒުވާނުންނަށް ނޫޅެވޭ ދަރަޖައަށް ކަންތައްތައް ހިނގައްޖެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެ މީހަކު އެދޭ ގޮތަށް އެ މީހެއްގެ އާއިލާއާއެކު ރާއްޖޭގައި ދިރިއުޅެވެން ޖެހޭނެ ކަމަށާއި ބުރުގާ އެޅި ކުދިންނަށް ވެސް އަދި ބުރުގާ ނާޅާ ކުދިންނަށް ވެސް އުފުލާއި ރައްކާތެރިކަމާއެކު ރާއްޖޭގައި އުޅެވެންޖެހޭނެ ކަމަށެވެ.

"ބުރުގާ އެޅި ކުދިންނަށް ވެސް، އަދި ބުރުނާ ނާޅާ ކުދިންނަށް ވެސް އުފަލާއި ރައްކާތެރިކަމާއެކު އުޅެވޭނެ ރާއްޖެއެއް ހޯދުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގައި ދައްކާ ކޮންމެ ވާހަކައަކީ ލާދީނީ ވާހަކައެއްގެ ގޮތުގައި މަރުކާޖެހިދާނެ ކަމުގެ ބިރުގައި ސިޔާސީ ލީޑަރުން ފަހަތަށް ޖެހިވަޑައިގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިހްތިރާމް

    އުމަރު ތީ ކާކު އެއްވެސް އަހުލާގެއް ނެތް މީހެއް .މިގައު މިހާވަރުވީ އުމަރުގެ ސަބަބުން .ދީނުގައި މިއަދު ތަ އޮތީ ވެރިންނާ ދެކޮޅަށް ނުނިކުންނަށް. ހަރާން ކަމަކަން މިއަދުތަ ވަނީ. ސޭހުން ނަން ރައީސް ނަސީދާ ދެކޮޅަށް ނިކުތުމަކީ ދީނުގަ ހުއްދަކަމެއް ދޯ.