ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން އަދި ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކާއެކު ވަކިވަކިން ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުންތަކުގެ ތެރެއިން އެމްޑީޕީއާކު ބާއްވަން ތާވަލުކޮށްފައިވާ ބައްދަލުވުމަށް އެމްޑީޕީން ވެސް ހާޒިރެއް ނުވިއެވެ.

ޕާޓީގެ އިސް ދެ ވެރިންނާއި، ޕާލިމަންޓަރީ ގްރޫޕްގެ 2 މެންބަރުންނާއެކު އިލެކްޝަންސް ކޮމިޝަނުގައި މިއަދު 09:00 ގައި ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުމަށް އެމްޑީޕީން ހާޒިރިވެފައިނުވާކަން އިލެކްޝަންސް ކޮމިޝަނުން ޔަޤީންކޮށްދެއްވައެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ކުރިއަށް ހުރި ވަގުތުތަކުގައި ތާވަލުކުރެވިފައިވާ ބައްދަލުވުންތަކަށް އެ ޕާޓީތަކުން ވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިއަދުގެ ބައްދަލުވުމަށް އެމްޑީޕީން ހާޒިރުވެފައި ނުވާއިރު، އިދިކޮޅު ފަރާތްތަކުން އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ޞައްޙަ ކަމާމެދު ސުވާލު އުފައްދަވައި، އީސީގެ ދައުވަތަށް ޖޭޕީ، އެމްޑީޕީ އަދި އަދާލަތު ޕާޓީން އިޖާބަ ނުދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ގުޅިފައިވާ އިއްތިހާދުގެ ފަރާތުން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ވިދާޅުވީ، އެ ޕާޓީތަކުން އެ ބައްދަލުވުންތަކަށް ވަޑައިނުގަންނަވާނެކަން ލިޔުމުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާނެކަމަށެވެ.

އީސީން ސިޔާސީ ޕާޓީތަކާ ބައްދަލުކުރަނީ، ސަރުކާރު ހިންގާ މައި ޕާޓީ ކަމަށްވާ ޕީޕީއެމް އިން ބޭނުންވާ މައުލޫމާތުތަކެއް ހޯދަން ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ތުހުމަތު ކޮށްފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީތަކާއެކު ބައްދަލުކުރަނީ ސިޔާސީ ޕާޓީތައް ހިންގުމާ ގުޅޭގޮތުން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބު އަދި ކުރިއަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާ ހިއްޞާ ކުރަން ކަމަށެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން ބާއްވާ ސިލްސިލާ ބައްދަލުވުންތައް ރޭވިފައިވާގޮތުން މިއަދު ހެނދުނު 09:30 ގައި އެމްޑީޕީ، މެންދުރުފަހު 14:00 ގައި އެމްޑީއޭ އާއި ބައްދަލުކުރާނެއެވެ. އަދި މާދަމާ ހެނދުނު 09:30 ގައި އަދާލަތު ޕާޓީ، 11:00 ގައި ޑީއާރުޕީ އާއި ބައްދަލުކުރާއިރު، މެންދުރުފަހު 14:00 ގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްއާއެވެ.

ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރުވެސް އިލެކްޝަންސް މޮމިޝަނުން ވަކި ވަކިން ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފައިވާއިރު، ރިޔާސީ އިންތިޚާބާއި ގުޅިގެން ބާއްވާ ސިލްސިލާ ބައްދަލުވުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރުޒާނާ ޗޮއްޕަޓު

    މި ގައުމުގެ އެއްތަނެއްވެސް ކަލޭމެނަކަށް ޞައްހައެއް ނޫން. އެއް ކަމެއްވެސް ޞައްޙައެއް ނޫން. ޚާއްޞަކޮށް މި ގައުމުގެ ދީން ޞައްޙަ ނޫން ކަމަށް ބުނަމުން ތިދަނީ. ވީމާ "ޞައްޙަ" ގައުމަކަށް ދޭ. މި ގައުމުން ދޭ ގެއްލޭ ފއސޭ ރއކާވޭ.

  2. އަސްލެއްބާ

    ޕާރޓީތައް އވާލަން ވީ ދެން ބަސް ނޭހުމަކީ ޒިންމާ ނަގަންޖެހޭ ކަމެއް ވީމާ، އވަހަށް ފޭލަށްޖައްސާލައްވާ