ވެމްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން އެނގިފައިވާތީއެވެ. ސިންގަޕޫރުގެ އަމިއްލަ ކުންފުންޏަކަށް ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށް އެ ފަރާތުގެ ނަމުގައި އެ އުޅަނދުގެ އަގުގެ 30 ޕަސެންޓު ( 255،000 ޑޮލަ) ވެމްކޯގެ ޕްރޮކިއުމެންޓް ޕޮލިސީ އާ ހިލާފަށް ދައްކާފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ވަނީ އެނގިފައެވެ. ލޭންޑިން ކްރާފްޓުގެ އަގަކީ 850،000 ޑޮލަރެވެ.

އޭސީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ލޭންޑިން ކްރާފްޓް ވެމްކޯއަށް ފޯރުކޮށްދިނުމަށް އަމިއްލަ ކުންފުނިން ހުށަހެޅި ޕްރޮޕޯޒަލް ހޯދާފައި ވަނީ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީ އާއި ޕްރޮކިއުމެންޓް މެނުއަލް އާ ހިލާފަށް އެ ކުންފުނީގެ އެއްވެސް ޑިޕާޓްމެންޓެއްގެ އެދުމެއްގެ މަތިން ނޫން ކަމަށެވެ.

އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޕްރައިވެޓް ކުންފުނިން ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް އޭރުގެ އެމްޑީއަށް އެޑްރެސްކޮށް ހުށަހަޅާފައިވާ ޕްރޮޕޯޒަލް އަކީ އެމްޑީ ވިދާޅުވެގެން ހުށަހަޅާފައިވާ ޕްރޮޕޯޒަލް އެއް ކަމަށެވެ.

މީގެ އިތުރުން އެ ލޭންޑިން ކްރާފްޓަކީ ވެމްކޯއަށް ބޭނުން އުޅަނދެއް ކަމަށް އެންގެން ނެތް ކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. އަދި މިކަމަކކީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް އެ ކޮމިޝަނުގެ ތަހުގީގުން އެނގޭ ކަމަށް އޭސީސީ އިން ބުންޏެވެ.

ވެމްކޯގެ ކުރީގެ އެމްޑީއާއި ދެކޮޅަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައި ވަނީ ލޭންޑިން ކްރާފްޓުގެ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ދީފައިވާ 3،932،000 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށެވެ.