އދ. ހަންޏާމީދޫގައި ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި ހަވާލުކޮށްފިއެވެ.

އެމްޑަބްލިޔުއެސްސީ އާއި މި މަޝްރޫއު ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޝާނާ އިބްރާހިމްއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފެނުގެ ނިޒާމް ފަރުމާކުރުމާއި، ރަށުގައި ފެނުގެ ވިޔުގެ އެޅުމާއި، އާރއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން އަދި ގޭގެއަށް ފެނުގެ ކަނެކްޝަން އަޅައިދިނުން ހިމެނެއެވެ.

މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 22 މިލިއަަން ދިވެހި ރުފިޔާއަށެވެ. އަދި މި މަސައްކަތް ނިންމުމަށް ދީފައިވަނީ 22 މަހެވެ.

ހަންޏާމީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެއްފަހަރާ 20 ރަށުގައި މަސައްކަތްކުރުމުގެ ގާބިލްކަން، އެ ކުމްފުނީގައި އެބަހުރިކަމަށެވެ. އަދި މިހާރު އެ ކުންފުނިން މަސައްކަތްކުރަމުންދަނީ ހަތަރު ރަށުގައި ކަމަށާއި، އެހެންކަމުން މި މަސައްކަތް ނިންމަންޖެހޭ މުއްދަތުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.