ޗެކު ބައުންސްގެ 8 މައްސަލައެއްގައި ދައުލަތުން މަކަރާ ހީލަތްހެދުމުގެ ދައުވާ އުފުލާފައިވާ، ރ.އިނގުރައިދޫ ބޮޑުކާށިގޭ މުޙައްމަދު ޙުސައިން އަށް މައްސަލައާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅަން ކްރިމިނަލް ކޯޓުން 3 މަހަށްވުރެ ގިނަ ދުވަސް ދިނުމުންވެސް މައްސަލައާއި ގުޅޭ ހުށަހެޅުންތައް ހުށައެއް ނޭޅުނެވެ.

މި މައްސަލައިގެ އިބްތިދާއީ ފަހު އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ގާޒީ ވިދާޅުވީ މި މައްސަލައިގައި ވޭތުވެދިޔަ އަހަރުގެ ފަހުކޮޅު އެންމެ ފަހުން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މުޙައްމަދު ޙުސައިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ 8 ދައުވާއަށްވެސް އިންކާރު ކޮށްފައިވާތީ، މައްސަލައާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅަން ފުރުޞަތު ދީފައިވާކަމަށެވެ. ތިން މަހަށްވުރެ ގިނަ ދުވަސް ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވިދާޅުވީ މިހާތަނަށްވެސް މުޙައްމަދު ޙުސައިން ލިޔުމުން މައްސަލައާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅާފައި ނުވާކަމަށެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި ދައުވާ ލިބޭ މުޙައްމަދު ހުސައިން ބުނީ، 16 ފޫޓް އުސް ތަނަކުން ވެއްޓުމުގެ ސަބަބުން ވަރަށް ބަލިކޮށް އުޅެންޖެހުމުގެ ސަބަބުން ކްރިމިނަލް ކޯޓަށް ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅޭގޮތް ނުވީކަމަށެވެ. އޭނާގެ މި ވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ، ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތު ބޭނުންވާކަން ސަބަބު ބަޔާންކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ނުވާތީއާއި، އެ ލިޔުންތައް ހުށަހަޅަން ދެވިފައިވާ ތިން މަހަށްވުރެ ދިގު މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ލިޔުންތައް ހުށަހަޅާފައި ނުވާތީ، ދައުވާއާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅަން އިތުރު ފުރުޞަތެއް ދެވެން ނެތް ކަމަށް ގާޒީ މިއަދު ވިދާޅުވިއެވެ.

މިއަދުގެ އިބްތިދާއީ އަޑުއެހުމުގައި މި މައްސަލައިގައި ދައުވާ ލިބޭ ރ.އިނގުރައިދޫ ބޮޑުކާށިގޭ މުޙައްމަދު ޙުސައިން ބުނެފައިވަނީ، ދެން މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ޤާނޫނީ ވަކީލަކާ އެކު ކަމަށާއި އެކަމަށް ފުރުޞަތު ދެއްވުމަށެވެ. ވަކީލެއްގެ ފުރުޞަތަށް އެދިވަޑައިގަތުމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދައޮތް، އެއްވެސް ސަބަބަކާހުރެ ވަކާލާތު ކުރުން މަނާކޮށްފައިނުވާ ޤާނޫނީ ވަކީލަކު ކޯޓަށް ހުށަހަޅުމުން އެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި، އެހެންނަމަވެސް ވަކީލަކު އައްޔަން ކުރަންދެން ޝަރީއަތް ފަސް ނުކުރެވޭނެކަމަށެވެ.

އިބްތިދާއީ އަޑުއެހުންތައް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، މައްސަލައިގެ އިބްތިދާއީ މަރުހަލާފައި ދައުވާ ލިބޭ ފަރާތުން އަދި ދައުވާ ކުރާ ފަރާތުންވެސް އިތުރަށް ހުށަހަޅަން ބޭނުންވާކަމެއް ނެތުމުން އިބްތިދާއީ މަރުހަލާ ނިންމަވާލެއްވީ ކަމަށާއި، މި މައްސަލައިގެ ޝަރީއަތް 2018 ޖުލައި 10 ވާ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ފަށާނެކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، ދެން އޮންނަ މައްސަލައިގެ ޝަރީއަތުގައި އޮންނާނީ ދައުވާލިބޭ ފަރާތާއި ދައުވާ ކުރާ ފަރާތުން ހެކިން ހުށަހެޅުންކަމަށާއި، ހެކި ހުށަހަޅަން ގާތް ގަނޑަކަށް ތިން މަހުގެ މުއްދަތެއް ދެވިފައިވާތީ އެދުވަހުގެ ޝަރީއަތުގައި އެއްވެސް އުޒުރެއް ނުދެއްކެވޭނެކަމަށެވެ. އަދި ޖުލައި 10 ވަނަ ދުވަހުގެ ޝަރީއަތުގައި ހެކި ހުށަނާޅައިފިނަމަ އިތުރަށް ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ޗެކު ބައުންސްގެ 8 މައްސަލަތަކެއްގައި ރ.އިނގުރައިދޫ ބޮޑުކާށިގޭ، މުޙައްމަދު ޙުސައިންގެ މައްޗަށް ދައުލަތުން އުފުލި ކަމަރާއި ހީލަތްހެދުމުގެ 8 މައްސަލައިގެ ޝަރީއަތް ފެށިގެން ކުރިއަށްދާއިރު، މުޙައްމަދު ޙުސައިންގެ އިތުރު މައްސަލަތަކެއްވެސް ކުރިމިނަލް ކޯޓަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްބެ

    މިކަހަލަ މީހުން ހައްތާވެސް.... އެތަށް ބަޔަކަށް ލަނޑު ދޭ އިރުވެސް މިހެން އުޅެވޭ!!