ޤާނޫނީ ގޮތުން އުފެދިފައިވާ މިނިވަން ދައުލަތެއްގެ ވެރިކަން ވައްޓާލެވޭ ވަރުގެ ހިތްވަރާއި ފަންވަރު، އިދިކޮޅު ފަރާތްތަކުގައި ނެތްކަން މިއަދު ސާބިތުވެފައިވާކަމަށް ޕީޕީއެމް އިން ބުނެފިއެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޤާނޫނީ ގޮތުން އުފެދިފައިވާ މިނިވަން ދައުލަތެއްގެ ވެރިކަން ވައްޓާލެވޭވަރުގެ ހިތްވަރާއި ފަންވަރު އިދިކޮޅު ފަރާތްތަކުގައި ނެތްކަން މިއަދު ސާބިތުވެފައިވާކަމަށާއި، މިފަދަ ކަންކަން ކުރަންވާނީ ކޮންމެވެސް ވަރެއްގެ ހިތްވަރަކާއި ފަންވަރެއް ހުރެގެންކަމަށެވެ.

"މިވަރުގެ ކަންތައްތައް ކުރަން ނިކުންނަން ވާނީ ކޮންމެވެސް ވަރެއްގެ ހިތްވަރަކާއި ފަންވަރެއް ހުރެގެން. އެފަރާތްތަކަށް ތަހްޤީގީ މަރުހަލާގައި އެއްބާރުލުން ދޭން ނުކެރުނީމަ އެއީ ވަރަށް ދެރަވަރު." އަދުރޭ ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން މަސައްކަތް ކުރެއްވި ބައެއް ފަރާތްތަކުން ތިމަންނަމެން ތިބީ ސާބިތުކަމާ އެކީގައި ކަމަށާއި މަސައްކަތް ނިންމާފަ ނޫނީ ހުއްޓައެއް ނުލާނެކަމަށް ވިދާޅުވިކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެފަރާތައް ސާބިތުކަންމަތީ ތިއްބެވިނަމަ މިހާރު ހިނގަމުންދާ ތަހްޤީގަށް އެއްބާރުލުން ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ތަހްޤީގަށް އެއްބާރުލުން ނުދޭއްވަނީ ކީތްވެތޯ އަދުރޭ ސުވާލު އުފެއްދެވިއެވެ.

"މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ބާރު ކަނޑުވާލައި ރިޝްވަތުގެ ބޭނުންކޮށްގެން ޖުޑިޝަރީގެ ތެރެއިން ސަރުކާރެއް ވައްޓާލަން ރާވާ މީހުންނަށް ތަހްޤީގީ މަރުހަލާގައި އެއްބާރުލުން ދޭން ނުކެރުނީމަ އެއީ ވަރަށް ދެރަވަރު." އަދުރޭ ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގައި ހައްޔަރު ކޮށްފައިތިބި ފަރާތްތަކުން، އެ ކަމުގައި އެ ފަރާތްތަކުގެ ދައުރެއް ނެތްކަން ސާބިތުކޮށްނުދެއްވާ ހަނު ތިއްބެވުމަކީ ސިޔާސީ މައިދާނަށް ބަލާއިރު ވަރަށް ފިނޑިން ކުރައްވާ ކަމެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

މިހާރު ސަރުކާރު ހިންގާ ޕާޓީ އިދިކޮޅުގައި ތިބިއިރު، 800 މިލިއަން ޑިލަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހާޒިރުކުރެއްވި ކަމަށާއި އެ ހާލަތުގައި ރައީސް ޔާމީން ސާބިތުކަންމަތީ ޖަވާބުދާރީވެ ވަޑަިގެންނެވިކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ކެރިގެން (ރައީސް ޔާމީން) ވިދާޅުވި ތިމަންނަ ބޭނުންވަނީ ލައިވްކޮށޭ ކޮމެޓީ ގެންދަން. މުޅި ރާއްޖެއަށް ފެންނަ ގޮތައް ވަރަށް ސާބިތުކަމާއެކު ޖަވާބު ދެއްވަމުން ގެންދެވި. އެމަނިކުފާނާ ގުޅުން ނެތް ކަމެއްކަން ސާބިތު ކޮށްދެއްވި." އަދުރޭ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ވެރިކަން ކުރަން ބޭނުންވެގެން، ޝަރުއީ ދާއިރާއަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން ނިކުތް މީހުންނަށް ކަމެއް ދިމާވީމާ ކުރިމަތިލުމުގެ ހިތްވަރާއި އެ ފަންވަރު އެމީހުގެ ކިބައިގައި ހުންނަންވާނެކަމަށާއި، އެހެންނަމަވެސް އަޑު އިވިގެންދަނީ ތަހްޤީގަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ހަނު ތިއްބަވާ ވާހަކަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ފޯރި ގަދަވެ ސިޔާސީ ފަރާތްތަކުގެ އިތުރުން ރައްޔިތުން ހޭލައްވާލަފައިވާ މި ދަނޑިވަޅުގައި، "މަގޭ ވަތަން" ގެ ނަމުގައި ޕީޕީއެމް އިން "ރުމާލު-2" ޖަގަހައިގައި އެ ޕާޓީގެ މުޝްތަސާރު އަދި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ހާއްޞަ ޖަލްސާއެއް މިރޭ ބާއްވަން ތައްޔާރުވަމުން އަންނައިރު، މި ޖަލްސާގެ ދައުވަތު އެންމެހާ ދިވެހި ރައްޔިތުންނަށް އެ ޕާޓީން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު ސާހު އަލީ

    ތިހެންތިއްބާ ހޭއަރާފަ ތިބޭނީ އަތަށް ގޮވީމަ ދޯ ހަހަހަހަހަހ