ސްކޫލުގެ ކިޔެވުންނިމި މިހާރު ރަށްރަށަށް މީހުން ފުރަން ފަށައިފިއެވެ. މިފަހަރުވެސް މިދިޔަ އަޟްޙާ އީދު ގޮތަށް ލާމު އަތޮޅަށް ޒިޔާރަތް ކުރާ މީހުންވެސް މަދެއް ނޫނެވެ. ލާމު އަތޮޅުގެ މީހުންގެ މެދުގައި މަޤްބޫލު ކަމެއް ހޯދާފައިވާ "ވިޒިޓް ލާމު އެޓޯލް" އިން މިފެށީ، މިފަހަރު ބަންދާ ދިމާކޮށް ލާމަށް ދަތުރު ކުރާ މީހުންގެ ފޮޓޯތައް އެންމެނާ ހަމައަށް ގެނެސްދޭނެ ގޮތެކެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެމުން، ވިޒިޓް ލާމުގެ ޗީފް ޕްރޮޖެކްޓް އޮފިސަރ އައިޝަތު ނުޒުހާ ބުނެފައިވަނީ، ބަންދާ ދިމާކޮށް ވިޒިޓް ލާމު އެޓޯލް އިން ފޭސްބުކް، އިންސްޓަގްރާމް އަދި ޓްވިޓަރ ބޭނުން ކުރާ ފަރާތްތަކަށް ޙާއްސަ ހޭޝްޓެގްއެއް އުފައްދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިފަހަރު މިބޭނުން ކުރާ ހޭޝްޓެގްއަކީ، "މިއޮޅެނޫ ލާމު". މިއީ، މިއުޅެނީ ލާމު، މިގޮތަށް ލާމު ބަހުރުވައިން." ނުޒުހާ ބުންޏެވެ.

"މިއޮޅެނޫ ލާމު" ހޭޝްޓެގް އަކީ މިފަހަރު ލާމު އަތޮޅަށް ޒިޔާރަތް ކުރާ ލާމު އަތޮޅުގެ ފަރާތްތަކާއި އެނޫންވެސް ފަރާތްތަކުގެ ފޮޓޯތައް ފަސޭހަ ކަމާއެކު ހޯދުމަށް ބޭނުން ކުރެވިދާނެ ހޭޝްޓެގް އެކެވެ. މިފަހަރު ލާމުގެ ފޮޓޯތައް އަޕްލޯޑް ކުރާއިރު މި ހޭޝްޓެގް ބޭނުން ކުރުމަށް ވިޒިޓް ލާމު އެޓޯލް އިން އެދެއެވެ.

"މިގޮތަށް ފޮޓޯ އަޕްލޯޓް ކުރާއިރު ހޭޝްޓެގް ލީމަ މިވާ ގޮތަކީ، ފޮޓޯތައް ފަސޭހައިން ސާކްކޮށްލެވޭ. ލާމަށް ގޮސްފައި ދެން ކޮންމެ މީހަކުވެސް ފޮޓޯ ނަގާނެ ދޯ. އެހާވެސް ރީތި މަންޒިލެއް އެއީ. ދެން އެތަނަށް ދާން ބޭނުންވާ މީހުންވެސް މި ހޭޝްޓެގް ސާޗްކޮށްލީމަ، ފެންނާނެ ލާމުގެ ރީތި ފޮޓޯތައް." ނުޒުހާ ބުންޏެވެ.

ވިޒިޓް ލާމު އެޓޯލް އަކީ ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ލާމު އަތޮޅުގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. މިގޮތުން މިހާތަނަށް ވިޒިޓް ލާމު އެޓޯލް އިން ލާމު ޕްރަމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް މީސްމީޑިޔާގައިވަނީ ކުރިޔަށް ގެންގޮސްފައެވެ.