މެރިޓައިމް ޑޮމެސްޓިކް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތަކީ ރާއްޖެއަށް މުހިއްމު ޙިދުމަތްތަކެއް ކަމަށާއި އިރާދަކުރެއްވިއްޔާ އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނެ ކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް މިހެން ވިދާޅުވީ މާފަރު އިންޓަރނޭޝަނަލް އެއާރޕޯޓު ހުޅުވުމުގެ ގޮތުން މިއަދު ހަވީރު މާފަރު އެއާރޕޯޓުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“އެއާރޕޯޓު ކުރިއަށްދާން ފެށީމަ ރަށަށް ވާ ގޮތްތަކެއް ހުރޭ. އަތޮޅަށް އަންނަ ބަދަލުތަކެއް ހުރޭ މިރަށުގެ ބިމުގެ އަގު އިންތިހާއަށް އަރައިގެން ދާނެ. އެކަމުގެ ފައިދާ ރަށަށް އަބަދުވެސް ލިބެމުންދާނެ“ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ އަތޮޅެއްގައި އެއާރޕޯޓެއް އެޅުން ކަމަށެވެ. އެގޮތުން ކަނޑުމަގުން ގިނަވަގެން 20 މިނިޓް ދަތުރުކޮށްފައި ދެވޭ ވަރަށް ކައިރީގައި އެއާރޕޯޓްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ގާއިމް ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އިތުރަށް އެއާރޕޯޓު އަޅަންޖެހޭ ސަރަހައްދުތައް ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެންގެ އަމާޒަކީ މި ސަރުކާރުގެ ދައުރު ނިންމުމުގެ ކުރިން މި ވައިގެބަނދަރުތަކުގެ މަސައްކަތް ފެށުން" މިނިސްޓަރު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން، މާފަރުގެ ބިމުގެ އަގު ބޮޑުވާނެ ކަމަށާއި، އޭގެ ސަބަބުން ރަށަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަ

މާފަރު އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެ ރަންވޭއަކީ އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ. އެންމެ ފުރަތަމަ މި އެއަރޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ދިވެހި ކުންފުންޏެއް ކަމަށްވާ، ނޫނު ހޮޓެލްސް ނަމަކަށް ކިޔާ ކުންފުންޏަކާއި އެވެ. 2007 ވަނަ އަހަރު ހަވާލުކުރި މި އެއާރޕޯޓުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށްނުދާތީ، 2012 ވަނަ އަހަރުގެ ޑިސެމްބަރ މަސް ތެރޭގައި މާފަރު ރައްޔިތުންނާއި، މުޅި ނ. އަތޮޅުގެ ރައްޔިތުން ވަނީ މެދުނުކެނޑި 28 ދުވަސް ވަންދެން އިޙްތިޖާޖުވެސް ކޮށްފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާރޕޯޓު މިއަދު ހުޅުވާފައިވާއިރު، އަބޫދާބީ ފަންޑުގެ އެދުމުގެ މަތިން އިތުރު 1000 މީޓަރު ރަންވޭއަށް އިތުރު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއި އެކު 380 މަރުކާގެ މޯޓު ފަހަރު މާފަރު އެއާރޕޯޓަށް ޖެއްސޭނެއެވެ.

އަދި ހަމައެއާއި އެކު، މާފަރު އެއާރޕޯޓު ވެގެން ދާނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާއި ގަން އިންޓަނޭޝަނަލް އެއާރޕޯޓަށްފަހު ރާއްޖޭގައި އޮތް ތިން ވަނައަށް އެންމެ ބޮޑު އެއާރޕޯޓަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރޮނޑާ

    އަސްލަމް ކަލޭ ތިޔައީ އާ އުފެއްދުންތެރި ވިސްނުމެއް ހުރި މީހެއްނޫން. ތަންތަނުން މޮޅެތި ނަންތައް ދަސްކޮއްގެން އައިސް އެނަންތައް ކިޔާލަ ކިޔާލަ ހުރެދާނެ. މީހަކު ބޮނޑު ގުޅަ ހަދަންޏާ ކަލޭ އައް ކުރެވޭނެ ކަމަކީ އެމީހާ ކުރުވާ މަސައްކަތް ހުއްޓުވާފަ ކަލޭ އެކަންކުރަން އުޅުން. ތިފާޑުގެ ބޯދާ ވިސްނުން ހުރި މީހުންނައް ބޮޑެތި މަގާމުތައް ދީ ގެން ގައުމެއް ތަރައްގީ އެއް ނުވާނެ. އިބޫގެ ވެރިކަން ކިލަބު ކުރަން އުޅޭ މީހެއް.