ފުލުހުން ކުރާ ހުރިހާ ތުހުމަތަކަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އިންކާރު ކުރައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުުރުމާއި ދައުލަތް ހިންގުން ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްތުގައި ހުރަސްއެޅުމެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ފުލުހުން ކުރާ ތުހުމަތު ތަކާ ބެހޭ ގޮތުން އަދި މިހާތަނަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ.

"ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އުއްތަމަ ފަނޑިޔާރު ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ވިދާޅުވި ނަމަވެސް ބަންދު ކުރި ފަހުން އުއްތަމަ ފަނޑިޔާރާއި އަދި މިހާތަނަށް ފުލުހުން ސުވާލު ކޮށްފައެއް ނުވޭ. އަދި ތުހުމަތު ތަކަށް ޖަވާބު ދާރީ ވުމުގެ ފުރުސަތު ވެސް ދީފައެއް ނުވޭ " ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އަބްދުﷲ ސައީދަކީ އަދިވެސް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށާއި އެމަނިކުފާނު ހުންނެވީ ގާނޫނާއި ހިލާފަށް ހައްޔަރުކޮށްފައި ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު ބާއްވާފައި އޮތީ އިންސާނުން ބަންދުކޮށްފައި ބަހައްޓަން ހެޔޮނުވާ ވަރުގެ ގޮޅިއެއްގައި ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

"އުއްތަމަ ފަނޑިޔާރު ބާއްވާފައި އޮތީ އިންސާނުން ބަންދުކޮށްފައި ބަހައްޓަން ހެޔޮނުވާ ވަރުގެ ގޮޅިއެއްގައި. މި ކަމަށް ހައްލެއް ހޯދަން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރޭ" ހިސާން ވިދާޅުވިއެވެ.

ނޫސްވެރިނާއި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މާރިއާ އަހުމަދު ދީދީ ވިދާޅުވީ ގާނޫނުގެ ބޭރުން ރާއްޖޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ބަންޑާރަ ނައިބު އަހުމަދު އަނިލް ނަންގަވަން ޖެހޭ ކަމަށެވެ.

"އުއްތަމަ ފަޑިޔާރެއް ނެތި ސުޕްރީމު ކޯޓެއް ނޯންނާނެ. ރާއްޖޭގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާ ބަންޑާރަ ނައިބު އަހުމަދު އަނިލް ނަންގަވަން ޖެހޭ" މާރިއާ ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް މިވަގުތު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ާހޯހޯ

    މިހާތަނަށް ތިކަހަލަ ތުހުމަތުތަކުގައި ހައްޔަރުކުރި މީހަކު އެބައޮތްތަ އިޢުތިރާފްވެ އެއްބަސްވެފަ ކުރީމޭބުނެ. ޢަންނި އެއްބަސްވިތަ ޢަބްދުﷲޤާޟީ ހައްޔަަރުކުރިކަމަށް ތަހްޤީޤްގަ

  2. ދޮންބެ

    ކަކުބާ އެއްބަސް ވާނި

  3. ބޮޑު ތިލަދުންމަތި

    މި ހިސާނު ހުސޭނު ވަކާލާތުކޮށްދޭ ކޮންމެ މީހަކަށްވެސް ޖެހެނީ ޖަލުގައި ގަނޑުވަރު ހަދައިދޭން. މީނަޔަށް ދޯ އެނގެނީ ޤާނޫނާ ޚިލާފަށްކަން އުއްތަމަ ފަނޑިޔާރު ބަންދުކުރީ؟ އުއްތަމަ ފަނޑިޔާރާއި ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ރައީސް ޔާމީން ގުޅީމައި ފޯނު ނުނަގާ، އެއްވެސް އެއްބާރުލުމެއް ނުދިނީމާ "ސްޓޭޓް އޮފް އިމަރޖެންސީ" ހިންގީ ޤާނޫނު އަސާސީގައި (ރައީސް ޔާމީނަކަށް ނޫން) ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭ ބާރުން. . އެ ޙާލަތުގައި ހައްޔަރު ކޮސްފައިވާ މީހަކު ހައްޔާރުކުރީ ޤާނޫނާ ޚިލާފަށޭ ބުނާ މީހާގެ މައްޗަށް ސީދާ ދަޢުވާ އުފުލެންވާނެ. މިކަހަލަ އަބަދު އެކައްޗެއްކިޔާ ލޯޔަރުންނަކީ އިސްލާމީ ޝަރީޢަތުގެ މައްޗަށް ވަކާލާތުކުރަން ކުފޫ ހަމަވާ ބައެއްހެނެއް ހީއެއްނުވޭ. މީނަ މީގެކުރިން އަބަދު އެއްޗެތި ކިޔާފަ ހުރީ އުއްތަމަ ފަނޑިޔާރަށާއި ޢަލީ ޙަމީދަށް. ތިމާގެ ސިޔާސީ ފިކުރާ އެއްގޮތަށް އެދެމީހުން ވިސްނުން ބަދަލުވީމާ މިއަދު ދޮންފުތުވީ. މީ އިންސާފެއްނެތް، "ބަތްދެންޏާ ދޮންބެ" ލޯޔަރުން.

  4. އަދިތަ

    މިހިސާބުން ތި އެނގުނީ މައްސަލަ ގޯސްކަން...ފާޅުގައި މެލޭސިޔާއިން ފައިސާ ޖަމާކޮށްފައިވާ ރެކޯޑް ފެންނައިރުވެސް ދެކޮޅު ހަދަނީ..ޖޯކެއް

  5. ނުރަބޯ

    ތިޔައީ ކަލޭމެންގެ ނުބައި ރޭވުން. ފުރަތަ އެ ބެއްޔާ އަށް ކަލޭމެން ރިޝްވަތުދިނީ ދީގެން އެބެއްޔާ ހައްޔަރުވީ އިރު ބޯދަމައިނުގަނެވޭވަރުގެ ހެކި ތަކެއް އެބަހުރި އެބެއްޔާޔާ ދެކޮޅަށް.ދެންއަނެއްކާ އަނެއްގުއިރޯނުގައި އެބެއްޔާ ޖައްސަންވެގެން އެބެއްޔާ ލައްވާ ތިޔަ ދޮގުހައްދަނީ. ހެކިތަކަށް އިންކާރު ކުރުވަނީ އެ ބެއްޔާލައްވާ.

  6. ހުމުދު

    މި ވީގޮތްއެގިއްޖެ ހިސާނަށް ހެޔޮވަރުގެ ހުދު ޖަގިޔަލެއް އުއްތަމަފަޑިޔާރު ދެއްވީ އަލީ ހަމީދައް މައްސަލަޔަކީ ހުދުޖަގިޔަލުގަ ކޮންމެވެސް ވަރަކައް ލޭ ހުރީ.....

  7. ހުސޭނުބޭ

    ވަގުން ވައްކަންކޮށްފައި ނުބުނާނެ! ހިސާން ހިތްވަރުކޮށްލާ! ސަލާމަތްވެއްޖިއްޔާ އެބުނާ 15 މިލިއަނުން ބައެއް ލިބޭނެކަން ޔަޤީން.

  8. ބޮޑު ތިލަދުންމަތި

    މަންޖޭ ހިފހައްޓާތި. ޓިކަން ކާމިޔާބު ވެއޖެނަމަ އެ ލިބުނީ ހަމަ ތެޔޮވަޅެކޭ ހީކޮށްލާ. އެއފަހަރުން މުއްސނދިވީ.

  9. އިބްރާހީމް

    ކަމަނާއަށް އެނގިލައްވާތޯ ޒިނޭކުރުމަށްފަހު ޒިނޭކުރި ދެމީހުނަށް ލިބޭ ދަރި ޝަރީޢަތުގެ މަޖިލީހުގައި ޤަބޫލުނުކޮށް އުޅޭ ކިތަށްމީހުން އުޅެކަން، ދަރި ބޮޑުވެ މީހަކަށްވުމުން އެ ދަރި ގާތަށްގޮސް މަޢާފަށްއެދި އެދަރި ޤަބޫލުކޮށްގެން އުޅޭބަޔަކުވެސް މި މުޖްތަމައުގަ އުލޭކަން، ތިމާ ކުރާ ކުށަށް ދުނިޔޭގަ އިޢްތިރާފްވާ އުޅެނީ ވަރަށްމަދުބައެއްް، އަމުދުން ތި ސިޔށީ މީހުން އެއްބަސްނުވާނެ. ސަބަބަކީ ތިކަހަލަ މީހުން އެމީހުންގެ ފަހަތުގަ ތިބޭތީ،

  10. އިބްރާހީމް

    ކަމަނާ އެއްބަސް ވާނަންތޯ ކަމަނާ ތި އިންވެވީ އިސްލާމް ދީނުގަ އަންހެނުން ހެދުންއެޅުން ހުއްދަނޫން ގޮތަކަށް ހެދުންއަޅާއިގެންކަމަށް؟