މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ ރައްޔިތުން ހޭލުންތެރި އިންތިޚާބަކަށް ހެދުމަށް ބޭނުންވާ ޓީމުތައް އެކުލަވާލުމަށް އިލެކްޝަންސް ކޮމިޝަނުންގެ މުވައްޒަފުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު، އެ ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ ރައްޔިތުން ފުރިހަމައަށް ހޭލުންތެރިވެފައި ތިބި އިންތިޚާބަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެކަމަށް ބޭނުންވާ އިލެކްޝަންސް ކޮމިޝަނުގެ ޓީމުތައް ތައްޔާރުކުރުމުގެ މަސައްކަތްކަމަށެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ މި އިންތިޚާބަކީ ރައްޔިތުން ފުރިހަމައަށް ހޭލުންތެރިވެފައިތިބި އިންތިޚާބަކަށް ހެދުން، މިއަދު ކުރިއަށް މިދަނީ އީސީގެ ޓީމުތައް ތައްޔާރުކުރުމުގެ މަސައްކަތް." އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވިއެވެ.

ޓްރެއިނިންގ ޕްރޮގްރާމާއި ގުޅޭގޮތުން އީސީގެ މެންބަރު އަކްރަމް މައުލޫމާތު ދެއްވަނީ - ފޮޓޯ: އިލެކްޝަންސް

އަކްރަމް ވިދާޅުވީ، ޓްރެނިންގ ޕޫލް ކަނޑައެޅުމަށް މިއަދު ހެނދުނު 09:00 އިން ހަވީރު 17:00 އަށް އިންތިޚާބީ މަރުކަޒުގައި ކުރިއަށްދާ ޓްރެއިނިންގައި އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުން ބައިވެރިވާނެކަމަށެވެ.

"މަޤްޞަދަކީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފެއް ކަމުގައިވާނަމަ ކޮންމެ ތަނަކުން ދިމާވެގެން، ކޮންމެ ބޭފުޅަކު ސުވާލެއް ކުރިކަމުގައިވިޔަސް، އިންތިޚާބާ ގުޅޭ ސުވާލެއް ކަމުގައިވާނަމަ އެބޭފުޅަކަށް މަޢުލޫމާތު ދެވޭވަރަށް އަޅުގަނޑުމެންގެ މުވައްޒަފުން ތައްޔާރުކުރުން" މިއަދުގެ ޓްރެއިންއާ ގުޅޭގޮތުން އަކްރަމް ވިދާޅުވިއެވެ.

އިތުރަށް އަކްރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ގިނަ މުވައްޒަފުންނަކީ ފާއިތުވެދިޔަ ގިނަ އިންތިޚާބުތަކުގައި މަސައްކަތް ކޮށްފައިތިބި ތަޖުރިބާކާރު މުވައްޒަފުން ނަމަވެސް މިއަދުގެ ޓްރެއިނިންގައި ކޮމިޝަނަށް އަލަށް ގުޅުނު މުވައްޒަފުންވެސް ހިމެނޭއިރު، މިއަދުގެ ޓްރެއިނިންގ ނިމޭއިރުގައި އިންތިޚާބަށް އިޢުލާނު ކުރާ ހިސާބުން ފެށިގެން، ޝަކުވާ ހުށަހެޅުމާއި ވޯޓު ގުނުމާ ހަމައަށް ހިނގާ ހުރިހާ ކަމެއް އެނގިގެންދާނެކަމަށެވެ.

ޢާންމު ރައްޔިތުން އިންތިޚާބާއި ގުޅޭގޮތުން ހޭލުންތެރިކުރުމަކީ ޤާނޫނީގޮތުން އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއްކަމަށާއި، ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުރާސްފަތި ދުވަހު އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު