ކައުންސިލް ހިންގާނެ އިމާރާތެއް ނެތި، ނ.މިލަދޫ ކައުންސިލް މަގުމަތި ވެއްޖެ އެވެ.
2012 ވަނަ އަހަރުގެ މާރޗް މަހުން ފެށިގެން މިލަދޫ ކައުންސިލް ހިންގަމުން ދަނީ، އެރަށު ދިލްޝާދު ގޭގައެވެ. އަމިއްލަ މީހެއްގެ ގެއަށް ރަށު ކައުންސިލްގެ ހިންގުން ބަދަލުކޮށްފައިވަނީ، 2011 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ އެ އިދާރާގައި ބަޔަކު ނިކުމެ ހުޅުޖެހުމާއި ގުޅިގެންނެވެ.
ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް، ރަށު ކައުންސިލް ހިންގާނެ އެހެން އިމާރާތެއް ވޭތުވެގެން ދިޔަ ސަރުކާރު ތަކަށް ހޯދައިދެވިފައިނުވާ ކަމަށް އެރަށު ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، މިލަދޫ ކައުންސިލްގެ ރައީސް، އިލްޔާސް ޢަބްދުއްޞަމަދު ވިދާޅުވީ، ދިލްޝާދު ގޭގެ ވެރި މީހާއާއި އެކު ހަދާފައިވާ އެއްބަސްވުން މިއަދަށް ހަމަވެފައިވާ ކަމަށާއި، އެހެންކަމުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަށު ކައުންސިލް ހިންގާނެ އިމާރާތެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން މިކަމަށް ހައްލެއް ލިބޭތޯ. އެލްޖީއޭ އާވެސް އެތައް ފަހަރަކު ބައްދަލުކޮށްފިން، އެތައް ސިޓީއެއް ފޮނުވާފަ ހުންނާނީ. ހަމަ މިގޮތަށް، ފިނޭންސް މިނިސްޓްރީއާއިވެސް ބައްދަލުކުރިން. ރައީސުލް ޖުމްހޫރިއްޔާ، އިބްރާޙިމް މުޙައްމަދު ޞާލިޙު އާއިވެސް ބައްދަލު ކުރިން. އަދި މި ކަންބޮޑުވުންތައް، ދާއިރާގެ މެމްބަރާއި ވެސް ޙިއްޞާ ކުރިން. އަތޮޅު ކައުންސިލާއި ވެސް ޙިއްޞާ ކުރިން." ރައީސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވިީ، މިލަދޫ ކައުންސިލް ހިންގާނެ އިމާރާތެއް ދިނުމަކީ އެލްޖީއޭ އަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށް، އެ ފަރާތުން ބުނެފައިވާ ކަމަށެވެ.
މިލަދޫ ކައުންސިލް ހިންގަމުން އަންނަނީ، 3 ކައުންސިލަރުންގެ އިތުރުން، ސިވިލް ސާރވިސްގެ 11 މުވައްޒަފުންނާއި އެކުއެވެ. އެހެންކަމުން، މި ކަންބޮޑުވުންތައް ސިވިލް ސާރވިސް ކޮމިޝަނާއިވެސް ޙިއްސާ ކޮށްފައިވާ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ސަރުކާރު ފެއިލް ވެފާވާކަމުގެ ހެއްކެއް... ?
ރައީސްގެ ވާހަކައިން ހީވަނީ 2011 ވަނަ އަހަރުގެ ފަހުން އައީ 2018 ހެން.
ފާއިތުވެ ދިޔަ 8 އަހަރުގައި ވެސް ތިފަދަ ހާލެއްގައި؟
ކައުންސިލް އަންދާލި މައްސަލަ ނުބެލި، ބިމެއް ނުލިބުނު، ދެން ކޮންކަމެއް މިކުރަނީ. ޢިސްތިއުފާވެސް ދެއްވިދާނެ
ވަންނާނެ ތަނެއް ނެތިއްޔާދެން ހުރިހާ ކައުންސިލުން އެބަސްކިޔާފަ އެއްބުރުން އިސްތިއުފާ ދޭންވީނޫން ތޯ