ކައުންސިލްތަކަށް ރައްޔިތުން އިންތިޚާބު ކުރާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިގޮތަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވަނީ މިއަދުން ފެށިގެން ދެދުވަހަށް ކްރޮސްރޯޑްސް ރިސޯޓުގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކައުންސިލަރުންގެ މަހާސިންތާގެ ތެރެއިން ކައުންސިލަރުންނާ އެކު މަޝްވަރާ ކުރެއްވުމަށް ބޭއްވި ޕެނަލް ޑިސްކަޝަންގެ ތެރެއިންނެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންނަކީ ސިޔާސީ ބައެއް ކަމަށާއި، ކައުންސިލުގެ މަސައްކަތްތައް ކުރުމަށް ކައުންސިލް އިދާރާ އަށް ފަންނީ، މީހުން ހޯދަން ޖެހޭނެ ކަމަށެވެ.

"ކައުންސިލްތައް ހިންގާ ގޮތަކީ ކައުންސިލްތަކަށް ޓެކްނިކަލް، ޕްރޮފެޝަނަލް މީހުން ހޯދަން ޖެހޭނެ، ކައުންސިލަރުންނެއް ނޫން ހުރިހާ މަސައްކަތްތަކެއް ކުރަންޖެހޭނީ، ނުވެސް ކުރެވޭނެ. ކައުންސިލްތަކަށް އިންތިޚާބު ކުރާ ބޭފުޅުންނަކީ އެއީ ސިޔާސީ ބޭފުޅުން. އޭގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވާ ގޮތަށް މާ ގިނައިން މުވައްޒަފުން ނުހޯދިއަސް، ޓެކްނިކަލް، ޕްރޮފެޝަނަލް މީހުން ހޯދަން ޖެހޭނެ." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލަރުންގެ ޝަރުތުތައް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އެ ޤާނޫނަށްވެސް އިސްލާހު ގެންނަން ޖެހޭ ކަންކަން ބައެއް ކައުންސިލަރުން ފާހަގަކުރެއްވުމުން ރައީސް ޞާލިހު ވިދާޅުވީ އިސްލާހު ގެންނަން ޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި، އެބޭފުޅުންގެ ޙިޔާލުތައް ހުށަހަޅުއްވަމުން ގެންދިޔުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަމަ ހެވެނީ

    "ކައުންސިލްތަކަށް ރައްޔިތުން އިންތިޚާބު ކުރާ ބޭފުޅުންނަކީ ސިޔާސީ ބޭފުޅުން ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ." ހުވާތަ؟ މީގެކުރިން ބަޔަކު ހިތަށްވެސް ނާރާ ތިކަހަލަ އެއްޗެއް. އޮޅުންފިލުވައި ތިދިނީ ވަރަށް ބޮޑު ސިއްރެއް. ކެކެކެކެކެ ބަޔަކު އަވަދި ވެދާނެ ހުވާ މިބުނީ.

  2. Anonymous

    ދިވެހިރައްޔިތުން ހޭއަރާނީ ކޮންއިރަކުން. ކޮރަޕްޝަނަށް ޒީރޯ ޓަލަރަންސް ކިޔާފަ، ހުރިހާ ކައުންސިލަރުންގެނެސް މިކިޔަނީ ސަރުކާރު ކޯލިޝަނަށް ވޯޓްދޭށޭ. ބަލަ ދިވެހިރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ތި ބޭއްވި ބައްދަލުވުމަކީ ގުންޑާ ސަރުކާރުން ލޯކަލް ކައުންސިލް އިންތިހާބަށް ކެންޕޭން ކުރުމޭ!!!!

  3. ތތތތ

    ޖޭއެސްސީގެ ކޮމްޕޮޒިޝަން. 7 މީހުން ހެމެނެނީ. އޭގެތެރެއިން 5 މީހުނަކީ މޑޕ ގެ ލީޑަރޝިޕް. ބައްލަވާލައްވާ: (1) ނަޝީދު، (2) އޭޖީ ރިފްއަތު، (3) ނަޝީދުގެ ލޯޔަރު، ހިސާން އަދި (4) ނަޝީދުގެ ލޯޔަރު މަސްތޫރު. (5) ސުޕްރީމްކޯޓުން އެކްޓިވިސްޓެއް. ދެން ތިބޭނީ، ދަށުކޯޓުން ފަނޑިޔާރަކާއި، އާއްމުންގެ ތެރެއިން ލޯޔަރެއް.

  4. އެހެން

    ކައުންސިލަރުންނަކީ ސިޔާސީ މީހުންވީމަ ހުރިހާ ކައުންސިލަރުން ވާންވީވެސް އެމްޑީޕީ މީހުންނަށް. އެއީ ތި ބޭނުންވާ ގޮތަކީ. ކައުންސިލްގައި ތިބޭ އެކި ޕާޓީތަކުގެ މީހުން އެއްގަލަކަށް ނޭރޭނެކަން އެނގެނީ މާލޭ ކައުންސިލްގަ ތިބޭ އެއް ޕާޓީގެ މީހުންވެސް ކޯޅޭވަރުން ކަމެއްނުވެގެން އުޅޭތީ. ރައްޔިތުންނަށް ކަމެއްކޮށްދޭން އަރާ ތިބޭ ބައެއްހެނެއް ނޫން މަސައްކަތް ކޮށް އުޅެނީކީ.