މި އަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށިތައް ބަހައްޓާނީ ހަމައެކަނި 100 މީހުންނަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކުރާ ރިޒޯޓުތަކުގައި ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަން ކަނޑައެޅުމުގެ އުސޫލު އިލެކްޝަންސް ކޮމިޝަނުން ފާސްކޮށްފައި ވަނީ އެ ކޮމިޝަނުގެ 403 ވަނަ ޢާއްމު ޖަލްސާގައެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގަޔާއި، ސިނާއީ މަސައްކަތްކުރާ ތަންތަނާއި ރިސޯޓްތަކުގެ އިތުރުން ޖަލުތަކުގައި ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ އުޞޫލު އެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމް ވިދާޅުވީ، ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، އެ ތަނަކަށް މަދުވެގެން 100 މީހުން ވޯޓުލާން ރަޖިސްޓަރީކޮށް، ވޯޓުފޮށި ބަހައްޓާނެ ތަނަކާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދޭ ތަންތަނުގައި ކަމަށެވެ.

އަކްރަމް ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގައި ވޯޓުފޮށި ބަހައްޓާނީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ވޯޓު ފޮށި ބަހައްޓާނެ ތަނާއި އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަޖައްސައިދޭ ޖަލުތަކުގައި ކަމަށެވެ.

ރާއްޖޭގައި މިހާރު 130 ރިޒޯޓު ހިންގަމުންދާއިރު އޭގެ ތެރެއިން ގިނަ ރިސޯޓުތަކަކީ 100 އަށް ވުރެ ގިނަ ދިވެހިން އެ ރިޒޯޓުތަކުގައި މަސައްކަތް ކުރާ ރިސޯޓުތައްކަން ފާހަގަ ކޮށްލެވެއެެވެ.

100 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކުރާ ރިޒޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އީސީއިން ފާސްކޮށްފައިވާ އިރު ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާނީ 200 އަށް ވުރެ ގިނަ މީހުން ރެޖިސްޓްރީ ކުރާ ގައުމުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު