ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގުޅިގެން ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭ މައްސަލަތައް ނިންމަން ކަނޑައަޅާފައިވާ ވަގުތުތަކަށް ނިންމަމުން ނުދާކަން އޮޑިޓު އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަކުން ހާމަވެއްޖެއެވެ.

މި އޮޑިޓު ހަދާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26ވަނަ ދުވަހުއެވެ. އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓުމަންޓުގެ ސްޓޭންޑާސް އޮޕަރޭޓިން ޕްރޮސީޖާގައި ކުޑަކުދިންނަށް ގޯނާ ކޮށްގެން ހުށަހަޅާ މައްސަލަތައް 10 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ފުލުހުން ތަހުގީގު ކުރަމުން ގެންގޮސްފައިވާ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާކަން އޮޑިޓު ރިޕޯޓުން ވަނީ ފާހަގަވެފައެވެ. އެގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށްވުރެ ގިނަ ދުވަސް ނަގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ތައްޔާރުކޮށްފައިވާ ޕާފޯމަންސް އޮޑިޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން މިފަދަ މައްސަލަތައް ތަހުގީގުކުރާ އިންވެސްޓިގޭޓިވް އޮފިސަރަށް އެންމެ ގިނަވެގެންވެސް ހަވާލު ކުރެވޭނީ 20 މައްސަލަ ކަމަށް ބަޔާންކޮށްފައިވާއިރު ބައެއް އޮފިސަރުންގެ އަތުގައި އެ އަދަދަށްވުރެ ގިނައިން މައްސަލަތައް ލިބިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މި ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަ ކޮންމެ ކުއްޖަކުވެސް އެކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މި އޮޑިޓުގައި ބަލާފައިވާ 50 ސާމްޕަލްގެ ތެރެއިން 49 ސާމްޕަލްގައި ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރުކޮށްފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި އޭގެތެރެއިން އެއް ސާމްޕަލްގައި ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރުކޮށްފައިވީ ނަމަވެސް އެ ޕްލޭނަކީ މީގެ 8 އަހަރު ކުރިން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވުނުއިރު ލިޔެފައިވާ ޕްލޭނެއް ކަމަށާއި އެކުއްޖާގެ އުމުރާއި ގުޅިގެން އެ ޕްލޭނެއް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުން ކުދިން ބަލަހައްޓާ މަރުކަޒުތަކުގައި "މަދުވެގެން ހުންނަންވާނެ މިންގަނޑުތައް" ބަޔާންކުރާ ގޮތުގައި ކޮންމެ ކުއްޖަކަށް ފައިލެއް އޮންނަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ފައިލުގައި ކުއްޖާއަށް އަންނަ ބަދަލުތަކާއި ކުއްޖާގެ ތައުލީމީ ބޭނުންތަކާއި ކުރިއެރުމާއި ހޯދާފައިވާ ކާމިޔާބީތައް ހިމަނަންޖެހެއެވެ. އެހެންނަމަވެސް ބައެއް ކުދިންގެ ފައިލްގައި އެފަދަ އެއްވެސް ކަމެއް އަދާ ކޮށްފައި ނުވާ ކަމަށް އޮޑިޓު އޮފީހުގެ ޕާފޯމަންސް އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ދައުލަތުގެ މަރުކަޒުތަކުން ކުއްޖާ ނިކުމެ އެކުދިންގެ މައިންބަފައިން ގާތަށް ކުއްޖާ ފޮނުވާއިރު އެކުދިންގެ މައިންބަފައިންނަކީ ކުއްޖާ ބެލެހެއްޓުމުގެ ގާބިލުކަން ހުރި ބައެއްތޯ ބަލަން ވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް ބައެއް ކުދިންގެ އާއިލާތަކަށް އެކުދިން ހަވާލުކޮށްފައި ވަނީ އެފަދަ އެއްވެސް އެސެސްމަންޓެއް ހެދުމަކާއި ނުލާ ކަމަށްވެސް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން ދައުލަތުގެ ބެލުމުގައި ދަށުގައި ތިބޭ ކުދިންނަށް ބަލިވެގެން ބޭހެއް ދީފި ކަމަށްވާނަމަ އެ ބޭހެއް ދިނީ ކީއްވެގެންކަން ރެކޯޑު ކޮށްފައި އޮންނަން ޖެހޭނެ ކަމަށް ބަޔާން ކުރެއެވެ. އެހެންނަމަވެސް އޮޑިޓު ސާމްޕަލްގެ ގޮތުގައި ބެލި މެޑިކަލް ފައިލެއްގައި ކުއްޖާއަށް ދޭ ބޭހެއް ގެއްލިގެން ޑޮކްޓަރު ބުނެފައިވާ ތާރީހާއި ހަމައަށް އެކުއްޖާއަށް ބޭސް ދީފައި ނުވާ ކަމަށް އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޮޑިޓު އޮފީހުން މިފަދަ ރިޕޯޓެއް ނެރެފައިވާއިރު މި ދުވަސްވަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން އަންނަ ދުވަސްވަރަކެވެ. އަދި ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް މިކަންކަމުގެ ސަބަބުން އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފުލުސް

    އޮޑިޓު އޮފީހުން އަންނަންވީ ނޫންތޯ ކަނޑައެޅިފައިވާ ވަގުތަށް ނިންމަން. ތިޔަހެން ފިނިކޮޓަރީގައި ތިބެގެން އެހެން ތަންތަނަށް އިނގިލިދިއްކޮށް މޮޅެތި ވާހަކަ ދައްކައި ރިޕޯރޓްތައްނެރެ ތިމާމެންނަކީ މާ ޒިންމާދާރު ބައެއްކަން މުޖުތަމަޢުއަށް ދެއްކުނީމަ އެދެން ވާޖިބު އަދާކުރެވުނީ. ނިކަން އާދެބަލަ ހިތްވަރެއްހުރިއްޔާ ކަނޑައެޅޭ ވަގުތަށް ހުށަހެޅޭ ހުރިހާ މައްސަލައެއް ނިންމަން.

    1
    1
  2. ކަނަމަނަ

    ޢެއްވެސްމުއައްސަސާއަކުން ކަޑައަޅާއިންނަވަގުތައްމަސައްކަތެއްނުނިންމޭނެ ގަދަބާރަކުން ބަލަންޖެހޭވަރައްނުބަލާ ޙާއްސަކޮއް ތަހުގީގީއިދާރާއަކުން މިކަންތަކުގެތެރެއައްވެސް މަޖިލިސް އޮއްނަނީ އިގިލިބާނާފަ އެހެނޫނަސް ޕޮލިހުން ތަހުގީގްކޮއްނިންމާ ދައުވާކުރަން ޕްރްސިކިއުޓައް ފޮނުވާއިރައް އަބުރާފޮނުވާލާނެ ތަހުގީގުފުރިހަމަކުރަން ހުސްވާހަކަތިދައްކަނީ

  3. ބޯކިބާ

    މަބުނީ، ދެން ލަސްކޮށް ބަލަންޖެހެނީ ކޮން މައްސަލަތަކެއްތަ. ކޮންމެ މައްސަލައެއް ދިމާވާއިރަށްވެސް ހަމަ އެއްވައްތަރެއްގެ ފޮނެއް މިއަރުވަނީ ހަމަ. ރައްޔިތުންވެސް، މުއައްސަސާތަކުންވެސް.

  4. ވާދޫ މީހާ

    ޝިދާދާ ފެނުނަސް މިހާރު ސިފަވަނީ ކުޑަކުދިންގެ ވާހަކަ ތަކުން ސިފަވާ ސަންތިމަރިޔަބު ނޫނީ ސަފަރު ކައްދަ ސިފައިގައި. ރަގަޅު ވާނެ ފިލްމު ކުޅެން. މުޅި މުއަސަސާ ފެއިލް ވެއްޖެ ޝިދާދާ. އިސްތިއުފާ ދީ ބަ ހެޔޮނުވާނެ. ޒިންމާ ނަގަން ދައުލަތު ޓެކްސްފައިސާއިން މުސާރަ ދީފަ އިހުމާލު ވުން ބަލައެއް ނުގަނެވޭ. އިސްތިއުފާ

  5. Anonymous

    ދިވެހިރާއްޖެއަށް ކިޔަންވީ ދިވެހިރާއްޖެއެއް ނޫން. ރިޕަބްލިކް އޮފް ޖަޒްބާތު ނޫނީ ޖަޒުބާތީ ރާއްޖެ.
    ދެތިން ދުވަސްވަންދެން ޢާންމުންނާއި މުޥައްޞަޞާތަކުން ވަރަށް ފޮނުއަރުވާނެ. ދެން އަނެއްކާ ކުރީގެ ޙާލަތަށް.